ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި އިއްޔެ އަތުލައިގަތީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފުލަމުންދިޔަ ސްރީ ލަންކާގެ މަސްބޯޓެއްކަން ހާމަވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
އެ ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައެވެ.
ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް ދިވެހި ސިފައިންގެ ބާރުގެ ދަށަށް ވަނީ ގެނެސްފައެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ދިވެހި ސިފައިން އިއްޔެ އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ.
އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިއަކު ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ބޯޓު އެމްއެންޑީއެފުން ހޯދާފައިވަނީ، ލަންކާގެ ކަނޑުގެ ސިފައިން ފޯރުކޮށްދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.
މި މައްސަލައިގެ ތަހުގީގަށް ލަންކާގެ ޓީމެއް ރާއްޖެ އަންނަން ނިންމާފައިވާކަން އެނގިފައިވެއެވެ.
މި ސަރުކާރުން ގަތް ޑްރޯންތަކުގެ އެހީގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަންނަނީ ހޯދަމުންނެވެ.



