ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ޢިލްމީ ދިރާސާ ކުރުމަށް އެހީތެރިކަންދިނުމަށް ތިން މުއައްސަސާއަކަށް ގްރާންޓް ދީފި

ރާއްޖެއަށް މުހިންމު ދާއިރާތަކުން ޢިލްމީ ދިރާސާ ކުރުމަށް އެހީތެރިކަންދިނުމަށް ޔުނިވަރސިޓީތަކަށް ސަރުކާރުން ދޫކުރާ ގްރާންޓް، 3 މުވައްސަސާއަކަށް ދީފިއެވެ.

ގްރާންޓް ދޭން ނިންމާފައިވަނީ، ތަޢުލީމީ 3 މުވައްސަސާ ކަމަށްވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖަށެވެ. މިކަމުގެ އެއްބަސްވުމުގައި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ރިސާރޗް ކައުންސިލާއި، ގްރާންޓް ލިބޭ މުވައްސަސާތަކާ ދެމެދު ވަނީ ސޮއިކޮށްފައެވެ. ރިސާރޗް ގްރާންޓަށް ފުރުޞަތު ހުޅުވާލުމުން، މިމަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ގްރާންޓަށް އެދިފައިވަނީވެސް 3 މުވައްސަސާއިން އެކަންޏެވެ.

ދިރާސާކުރުމަށް އެހީދޭ ކަންކަމުގެ ތެރޭގައި ޚާއްސަކޮށްފައިވާ މުހިންމު ދާއިރާތަކެއް ހިމެނެއެވެ. އެ ދާއިރާތަކަކީ، ވަނަންސް، ސޭފްޓީ އެންޑް ވެލް ބީންގް، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސަސްޓައިނަބިލިޓީ އަދި ޑިގިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން ގެ އިތުރުން ގްރީން އެޖެންޑާއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވާގޮތުގައި، ތަޢުލީމީ މުވައްސަސާތަކަށް ދޫކުރާ ގްރާންޓްގެ ސަބަބުން، ދިރާސާ ކުރުމުގެ މުހިންމުކަން ބުނެދީ އެކަމުގެ ސަޤާފަތެއް އުފެއްދުމަށްވެސް މަގުފަހިވާނެއެވެ.

ޤައުމީ ތަރައްޤީއާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި ޢިލްމީ ދިރާސާތަކަށް ބިނާކޮށް ގޮތް ނިންމަށް ބާރު އެޅުމަށް، ދިރާސާކުރުމުގެ މަސައްކަތްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރު ކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނޭ މުހިންމު ވަޢުދެކެވެ.

ގުޅުންހުރި ލިޔުންތައް