އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޖައްބާރު ނަތަންޔާހޫގެ އަމުރަށް އަނެއްކާވެސް ޣައްޒާއަށް ވަރުގަދައަށް ބޮން އަޅަން ފަށައިފި

ހައްދުފަހަނައަޅާފައިވާ ޖައްބާރު ނަތަންޔާހޫގެ އަމުރަށް އިސްތިއުމާރީ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

ޣައްޒާގެ އުތުރުން ގާޒަ ސިޓީއަށާއި، ޣައްޒާގެ ދެކުނުގެ ހިސާބުތަކަށް އަސްކަރީ ޖެޓުތަކުން ވަރުގަދައަށް ބޮން އެޅުމުގެ އިތުރުން އެކި ހިސާބުތަކަށް ބޮޑުބަޑީގެ ހަމަލާތައްވެސް ދީފައި ވެއެވެ.

ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ހަމަލާތަކުގައި 21 މީހުން ޝަހީދުވެ އިތުރު 50 މީހުން ޒަޚަމްވި ކަމަށެވެ. ޝަހީދުވި މީހުންގެ ތެރޭގައި 8 ކުޑަކުދިންވެސް ހިމެނެއެވެ.

ހަމަލާތައް މުޅިންވެސް އަމާޒުކުރަމުން ގެންދަނީ އާންމުން ދިރިއުޅެ ސަރަހައްދުތަކަށް ކަމަށް، ޣައްޒާ ސިވިލް ޑިފެންސުން ބުނެއެވެ. އިސްތިއުމާރީ ސިފައިން ޣައްޒާއަށް ވައިގެ ހަމަލާތައް ދޭން މިފެށީ، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސްއިން ޚިލާފްވެފައިވާ ކަމަށް ބުނެ، މުޖުރިމު ނަތަންޔާހޫ އެކަމަށް އަމުރު ކުރުމުންނެވެ.

ހަމާސްއިން އެއްބަސްވުމާ ޚިލާފްވާ ކަމަށް ނަތަންޔާހޫ ބުނަނީ، މަރުވެފައިވާ އިސްރާއީލު ގައިދީންގެ ހަށިތައް ހަވާލުކުރުން ލަސްވާތީކަމަށް ބުނެއެވެ. މީގެއިތުރުން، އިސްރާއީލު ސިފައިންނަށް ހަމާސްއިން ޣައްޒާގެ ދެކުނުގައި ހަމަލާ ދެމުންގެންދާ ކަމަށްވެސް އިސްރާއީލުން ބުނެއެވެ.

ޣައްޒާގެ ދެކުނުން ރަފަހްގައި މިދިޔަ ހަފްތާގައި އިސްރާއީލު ސިފައިންގެ ދެމީހަކު މަރާލައި އިތުރު ބަޔަކު ޒަޚަމްކޮށްލީ ހަމާސްއިން ކަމަށް އިސްރާއީލު ބުނި ނަމަވެސް ހަމާސްއިންވަނީ އެ ވާހަކަ ދޮގުކޮށްފައެވެ. އަނެއްކާ، އަންގާރަ ދުވަހުވެސް ރަފަހްގައި އިސްރާއީލު ސިފައިންގެ ގްރޫޕަކަށް ބަޔަކުވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަމާސްއިން ބުނަނީ އެއީ އެމީހުންގެ ކަމެއް ނޫން ކަމަށެވެ.

މިފަދަ އެތައް ތުހުމަތުތަކެއް ހަމާސްގެ ބޮލުގައި އަޅުވައި، ނަތަންޔާހޫއާއި، އޭނާގެ ޑިފެންސް މިނިސްޓަރ ގެންދަނީ، ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް ތައްޔާރު ވަމުންނެވެ. ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފަށާކަން އިސްރާއީލުން އެމެރިކާއަށްވެސް މިހާރު އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިސްރާއީލު މައިތިރި ކުރެވޭތޯ އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލު ރުއްސުމަށްޓަކައި އެމެރިކާއިން ބުނެފައިވަނީ، އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދިނަސް އެއީ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފްވުން ނޫން ކަމަށެވެ. އެއްބަސްވުން ދެމި އެބައޮތް ކަމަށްވެސް އެމެރިކާއިން އަދިވެސް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް