އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ފޭރިގަތް މައްސަލައިގައި ވައްކަން ކުރުމަށް ބޭނުންކުރި ސްޕީޑްލޯންޗު ހޯދައި، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒިފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 4:25 ހާއިރުއެވެ. މިކަމުގައި ބައިވެރިވި ފަރާތްތައް ތިބީ މޫނު ނިވާކޮށްގެންނެވެ. ސޫޓު ކޭހުގައި ހުރި ފައިސާގެ އަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ތަހުގީގު ޓީމެއް މިއަދު ވަނީ އެއާޕޯޓްގައި ވެސް ހަރަކާތްތެރިވެފައެވެ.

މިކަމާ ގުޅިގެން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ފުލުހުންގެ އޮފިސަރުންގެ ހަލުވި އަދި އެދެވޭ މަސައްކަތް ފާހަގަކުރާ ކަމަށާއި، ކުށްވެރިން ހައްޔަރުކުރުމަށް އެޅުނު ފިޔަވަޅުތަކަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.

މި މައްސަލަ މިހާރުވެސް ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް