އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އިޒްރޭލުގެ ނިރުބަވެރި ހަމަލާތަކުގައި އިއްޔެ ޣައްޒާގައި 45 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ އެއްބަސްވުމާ ހިލާފުވެ އިޒްރޭލުން އިއްޔެ ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 45 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ ގާޒާގެ އެކި ހިސާބުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން 45 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް ޒަހަމްތައް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.

ހަމާސް އިން ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ ގާޒާއަށް އެހީ ވެއްދުން ހުއްޓާލަން ވެސް އިޒްރޭލުން އިއްޔެ ނިންމި އެވެ. ނަމަވެސް އިޒްރޭލުން މިހާރު ވަނީ ހަމަލާތައް ހުއްޓާލައި އަނެއްކާވެސް ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ.

ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް އިޒްރޭލުން ކުރާ ތުހުމަތު ހަމާސް އިން ދޮގުކުރެއެވެ.

މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ތެރެއިން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކޮށްފައިވާއިރު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް މީހުން ވެސް މިނިވަންކޮށްފައިވެއެވެ.

އެމެރިކާގެ އެހީތެރިކަމާއިއެކު އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން ވަނީ 68،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހުވެސް ނިރުބަވެރި އިޒްރޭލުން ވަނީ ފަލަސްތީނުގެ 97 މީހުން ޝަހީދުކޮށްލާފައެވެ،

ގުޅުންހުރި ލިޔުންތައް