ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ގައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިންގެ އިންޝުއަރެންސް އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދެނީ

ގައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިންގެ އިންޝުއަރެންސް އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދޭން ނިންމައިފިކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ އިންޝުއަރެންސް ކުންފުނިތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު، މިހާރު ވަނީ އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުމަށް ނިންމާފައެވެ. އަދި މިކަން މިއަހަރު ތެރޭގައި ރަސްމީކޮށް އިޢުލާނު ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

”މީގެ ކުރިން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ދިނުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުޑަ ދުވަސްކޮޅަކަށްފަހު ކުޅުންތެރިން ސްކޮޑުން ބަދަލުވުން. މިހާރު އެކަމަށް ވާނީ ހައްލެއް ހޯދިފައި،“ ރާފިއު ވިދާޅުވިއެވެ.

މި ހައްލުގެ ދަށުން، ވަކި ކުޅުންތެރިޔަކަށް އިންޝުއަރެންސް ދިނުމުގެ ބަދަލުގައި، ވަކި އަދަދެއްގެ ކުޅުންތެރިންގެ ޕޫލްއަކަށް އިންޝުއަރެންސް ދެވޭނެއެވެ.

އަރުތަ ޕްރޮގްރާމަށް ގެނެވުނު އާ ބަދަލުތަކާއެކު، ކުޅިވަރަށް މޮޅު ދަރިވަރުންނަށް ސްޕޯޓްސް މެރިޓް ސްކޮލާޝިޕް ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ސްކޮލާޝިޕްގެ ދަށުން ބޭރުގައި ތަމްރީނުވަމުންދާ އެތްލީޓުންނަށް އެޑިއުކޭޝަން ޕެކޭޖްވެސް ލިބޭނެއެވެ.

މި އާ އިންތިޒާމުތަކަކީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ޝައުގުވެރިކުރުވުމަށާއި، ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. 

ގުޅުންހުރި ލިޔުންތައް