އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް 1-0 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި އާސެނަލުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ފުލަމް ދަނޑުގައި ކުޅުނު މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތަކުން ޖެހީ ލިއަންޑްރޯ ޓްރޮސާޑް އެވެ. މިއީ ކޯނަރެއްގައި އާސެނަލްގެ ޑިފެންޑަރު ގަބްރިއެލް ބޮލުން ޖައްސާލި ބޯޅައަކުން ފުލަމްގެ ގޯލު ކުރިމަތީ ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި އާސެނަލުން ފުލަމްގެ ގޯލަށް ނުރައްކާތެރި އިތުރު ހަމަލާތަކެއް ވެސް ފޮނުވާލާފައިވެއެވެ. ނަމަވެސް އެ ހަމަލާތައް ދިފާއުކުރުމުގައި ފުލަމްގެ ކީޕަރު ބާޑް ލެނޯގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީން ވަނީ 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ. ޗެލްސީން 3-0 އިން ނޮޓިންހަމް ފޮރެސްޓު ބަލިކުރިއިރު، ބްރައިޓަން އިން ވަނީ 2-1 އިން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ބޯންމަތް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.



