ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ތިމާވެއްޓަށާއި އިންސާނުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އަސާސީ މުހިންމުކަމެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަަޒީރު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ފެހި ދިރުން މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.
ޑރ. މާރިޔާ ވިދާޅުވީ، ކޮންމެ ފަރުދަކަށްވެސް ރައްކާތެރި އަދި ފޯރުންތެރި ކާނާ ލިބިދިނުމަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ސިނާޢަތަކީ އަވަސް ދުވެލީގައި ކުރިއަރަމުން އަންނަ، އަދި ޤައުމުގެ އިޤްތިޞާދަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ ސިނާއަތެއްކަަމަށް ވަޒީރު ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންތެރި އިރުޝާދަކީ ކޮންމެ ރަށަކުންވެސް ދަނޑުވެރިކަމަށް ޚާއްޞަ ބިންތައް ކަނޑައަޅައި، އަމިއްލައަށް ފުދޭވަރަށް ކާބޯތަކެތި އުފެއްދުމަށް މަސައްކަތްކުރުންކަމަށެވެ. އަދި މި މުހިންމު މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 7000 އަށްވުރެ ގިނަ ދަނޑުވެރިން މަސައްކަތްކުރަމުން އަންނަކަމަށާއި މި ދާއިރާގައި ޚާއްޞަ އެއް ކަމަކީ، މި ސިނާޢަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައީ ހީވާގި ކަނބަލުންކަން ވަޒީރު ވިދާޅުވިއެވެ.



