ވޯލްޑް މެރިޓައިމް އިންޑަސްޓްރީ ނުވަތަ ދުނިޔޭގެ ކަނޑުގެ ސިނާޢަތުން ލިބޭ ނަފާ އެންމެ އެދެވޭގޮތެއްގައި ހޯދައިދިނުމަށް މިއަދު ނިންމާ ނިންމުންތައް މުހިންމުކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވީ ޗައިނާގެ ފޫޖޯގައި މިހާރު ކުރިއަށްދާ ބައިނަލްއަޤުވާމީ މެރިޓައިމް އިކުއިޕްމަންޓް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ އަމީން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ތަފާތު އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ”ޓުވެންޓީ ފަސްޓް ސެންޗަރީ މެރިޓައިމް ކޯޕަރޭޝަން“ ކޮމިޓީން ކުރަމުންދާ މަސައްކަތްތަކާއި، ކަނޑުތައް ރައްކާތެރިކޮށް އެއިން ލިބޭ ނަފާ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އެ ކޮމިޓީން ނިންމަމުންދާ ނިންމެވުންތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިކޮމިޓީގެ ނިންމެވުންތައް އަމަލީ މައިދާނުގައި ތަންފީޒު ކުރެވިއްޖެނަމަ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ބޮޑެތި މަންފާތަކެއް ކުރާނެކަމަށް ވިދާޅުވިއެވެ.
”މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތައް، އެއީ ކަނޑުގެ އާލާތްތަކާއި، އަޅުގަނޑުމެން އުފައްދާ އުޅަނދުފަހަރާއި، އަޅުގަނޑުމެން ޚިޔާރުކުރާ ތެލާއި، އަޅުގަނޑުމެން ފަރުމާކުރާ ބަނދަރުތައް ކަމުގައިވީނަމަވެސް މިހުރިހާ އެއްޗެއްވެސް އަޅުގަނޑުމެންގެ މުސްތަޤުބަލު ކަނޑައަޅާނެ. އަޅުގަނޑުމެން ޔަޤީންކުރަން ޖެހޭނީ، ދެމެހެއްޓެނިވި ތަރައްޤީގެ ނިޒާމެއް ހޯދުމުގައި އަޅުގަނޑުމެން ކުރާ މަސައްކަތަކީ އެންމެންގެ މުސްތަޤުބަލު ޔަޤީންކޮށްދޭ މަސައްކަތަކަށް ވާންޖެހޭނެކަން“ މިނިސްޓަރ އަމީން ވިދާޅުވިއެވެ.



