އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ސިނގިރޭޓުތައް ގެއްލުނު މައްސަލާގައި މަޝްހޫރު ދެ ވިޔަފާރިވެރިއަކާއިއެކު އިތުރު ދެ މީހުން ހައްޔަރުކޮށްފި

ރާއްޖެއަށް ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ މުވައްޒަފަކާއި އިތުރު މީހަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ދެ ވިޔަފާރިވެރިން ހިމެނޭކަން ޔަގީންކޮށްދީފައެވެ. އެއީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ. ނަމަވެސް ފުލުހުން މި ދެ ބޭފުޅުންގެ ނަންތައް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި އިތުރު ދެ މީހުންނަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އާއި އެހެން މީހެކެވެ. މުއާޒު މިހާރު ހުރީ މިފްކޯގައި ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގައެވެ. މި މައްސަލައިގައި ހައްޔަރުކުރުމުގެ ކުރީން މުއާޒުގެ މައްޗަށް 2018 ވަނަ އަހަރު ހިނގި 450 ސިނގިރޭޓް ކޭސް ގެއްލުވައިލި މައްސަލައިގައި ވެސް އޮތީ ދައުވާކޮށްދޭން އެދިފައެވެ. އެ މައްސަލާގައި މުއާޒު ރިޝްވަތަށް އެދުނު ކަމަށް ތުހުމަތުކުރެވެއެވެ.

ގެއްލިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓު ކޭސްތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ގުޅުންހުރި ލިޔުންތައް