އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކޮމަންޑޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ކޮމަންޑޫ ސްކޫލްގައެވެ.

ކޮމަންޑޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކޮމަންޑޫ އަދި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތާއި، ހުއްޓިފައިވާ ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދެވޭނެގޮތެއް ހޯއްދަވައިދެއްވުމާއި، ރަށުން ގޯތި ދޫކޮށްފައިވާ ސަރަހައްދަށް ބޭނުންވާ ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅައިދެއްވުމަށާއި އައިސްޕްލާންޓްގެ މަސައްކަތް އަވަހަށް ފައްޓަވައި، ކުރިއަށް ގެންދެވުމަށް ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުންވެސް ރަށުގެ މަގުހެދުމާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކޮށްދެއްވުމަށް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.

ކޮމަންޑޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ކައުންސިލުން ވަނީ ރަށުގެ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސް ޔުނިޓެއް ޤާއިމްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މި ބައްދަލުވުމުގައި ރަށުގެ ސްކޫލްގެ ފަރާތުން ވަނީ، ސްކޫލްގައި ވަރަށް ގިނަ މަރާމާތުގެ މަސައްކަތް ހުރިކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ސްކޫލުގެ ވަށާފާރު މަރާމާތުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މިއަދު ރަށުގެ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައިވާތީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް