އާދިއްތަ, އޮކްޓޯބަރ 12, 2025
spot_img
- Advertisement -spot_img

ވޯލްޑްކަޕް ކޮލިފައިން: ޖޯޖިއާ ބަލިކޮށް ސްޕެއިން ގުރޫޕްގެ އެއްވަނާގައި

ވޯލްޑްކަޕް ކޮލިފައިންގ ގުރޫޕް އީގައި ރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ޖޯޖިއާ ބަލިކޮށް ސްޕެއިން، އެޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ސްޕެއިނުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޔެރަމީ ޕިނޯ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ރޮބިން ލި ނޯމާންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓްފަހުން މެޗުގެ ލީޑު ފުޅާކުރުމަށް އެޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް ފެރާން ޓޮރޭސް ކުރިއަށް ފޮނުވާލި ޕެނަލްޓީ ޖޯޖިއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ޖޯޖިއާ އަދި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެއިނުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މިކެއިލް އޮޔަޒަބެލް އެވެ. މިއީ ޖޯޖިއާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ހަމަލާ ގޯލުގެ މަތީކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ޖޯޖިއާ އަދި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން

މީގެ އިތުރުން ވެސް މިމެޗުގައި ސްޕެއިނުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ. އަދި މިގުރޫޕްގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ތުރުކީ އިން ވަނީ 6-1 ގެ ނަތީޖާއަކުން ބަލްގޭރިއާ ބަލިކޮށްފައެވެ.

މިނަތީޖާތަކާއެކު މިގުރޫޕްގައި ކޮންމެ ޓީމަކުން ވެސް ތިން މެޗު ކުޅެފައިވާއިރު، ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ސްޕެއިން އެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ތުރުކީ އޮތްއިރު، ތިންވަނައިގައި ތިން ޕޮއިންޓާއެކު މިވަގުތު އޮތީ ޖޯޖިއާއެވެ. އަދި ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި މިވަގުތު އޮތީ ބަލްގޭރިއާ އެވެ.

ގުޅުންހުރި ލިޔުންތައް