އާދިއްތަ, އޮކްޓޯބަރ 12, 2025
spot_img
- Advertisement -spot_img

އައްޑޫ ރައްޔިތުންގެ ވޯޓް: ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކޮށް، އެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅަންވާނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، registration@elections.gov.mv އަށް ފޮނުއްވައިގެންނެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ފެނޭތޯ ބެލުމަށް އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހުގެ  ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 26 ވާ އާދިއްތަ ދުވަހުއެވެ.

ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު ނެގުމަށް، އައްޑޫ ސިޓީ ހުޅުދޫ ރައްޔިތުންނަށާއި، އައްޑޫ ސިޓީ މީދޫ ރައްޔިތުންނަށާއި، އައްޑޫ ސިޓީ މީދޫ ރައްޔިތުންނަށް ވަކިން ސުވާލުތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ މީދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ގެ ރައްޔިތުންނަށް 2 ސުވާލެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ފޭދޫ ރައްޔިތުންނަށް ކުރުމަށް ހަމަޖެހިޖައިވަނީ 1 ސުވާލެވެ.

ގުޅުންހުރި ލިޔުންތައް