ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

ތުރުކީގައި ބޭއްވުނު މަރުކަޒީ ބޭންކުތަކުގެ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ދަ ސްޓޭންޑިން ކޮމިޓީ ފޯ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް) ގެ މަރުކަޒީ ބޭންކުތަކުގެ 7 ވަނަ ފޯރަމްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ވަފުދެއް ބައިވެރިވެވަޑައިގެންފިއެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ މަހުގެ 28 އިން 29 އަށް ތުރުކީގެ އިސްތަންބޫލުގައި ބޭއްވުނު މި ފޯރަމް އަކީ އޯއައިސީ މެމްބަރު ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި އިސް އޮފިޝަލުންނަށް މާލީ ސްޓެބިލިޓީ، ފައިސާ ދެއްކުމުގެ ނިޒާމުތައް، އަދި ބޯޑަރު ހުރަސްކޮށް ކުރެވޭ މުޢާމަލާތްތަކާއި އޯއައިސީ-2025 ޕްރޮގްރާމްގެ ދަށުން ކުރިމަގުގައި ކުރެވޭނެ އެއްބާރުލުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ.

ތުރުކީގައި ބޭއްވުނު މަރުކަޒީ ބޭންކުތަކުގެ ފޯރަމް | ފޮޓޯ: އެމްއެމްއޭ

ގަވަރުނަރު މުނައްވަރު ވަނީ ”ވިޔަފާރީގެ ބައިބައިވުމާއި ޖިއޯޕޮލިޓިކަލް ނުރައްކާތަކުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުން: އޯއައިސީ ޤައުމުތަކަށް ކުރާނެ އަސަރު“ މި މައުޟޫޢުގައި ބޭއްވުނު އިސް ފެންވަރުގެ ސެޝަނުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން، ގަވަރުނަރު މުނައްވަރު ވަނީ ތުރުކީ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. ފާތިޙް ކަރަހާންއާ ބައްދަލުކުރައްވައި، ދެ މަރުކަޒީ ބޭންކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް