އިސްރާއީލާއި ހަމާސް އިން ޣައްޒާގެ ސުލްހައިގެ ޕްލޭންގެ ފުރަތަމަ ފިޔަވައްސަށް އެއްބަސްވެއްޖެ ކަމަށް މި ހަނގުރާމައަށް ސީދާ ގޮތުން އިޒްރޭލަށް އެހީތެރިވެދޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
މި އެއްބަސްވުމުގެ ދަށުން ހުރިހާ ރަހީނުން ވަރަށް އަވަހަށް ދޫކޮށްލެވޭނެ ކަމާއި، އަދި ވަރުގަދަ، ދެމެހެއްޓެނިވި އަދި ދާއިމީ ސުލްހައަކާ ދިމާލަށް ދެވޭނެ ކަމަށާއި، އިސްރާއީލުން އެއްބަސްވެފައިވާ ގޮތައް އެމީހުންގެ ސިފައިން އަނބުރާ ގެންދާނެ ކަމަށް ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
މި އެއްބަސްވުމަށް އައުމުގައި މެދުވެރިން ގެ ގޮތުގައި މަސައްކަތް ކުރި ޤަތަރު، މިޞްރު އަދި ތުރުކީ އަށް ޓްރަމްޕް ވަނީ ޝުކުރު އަދާކޮށްފައެވެ.
ޓްރަމްޕް ގެ ޕޯސްޓަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި، ޤަތަރުގެ ޚާރިޖީ ވުޒާރާ އިން ބަޔާނެއް ނެރެފައި ވެއެވެ. އެ ބަޔާނުގައި މި އެއްބަސްވުމުގެ ސަބަބުން ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށާއި، އިސްރާއީލުގެ ހުރިހާ ރަހީނުންނާއި ފަލަސްތީނުގެ ގައިދީން ދޫކޮށްލެވޭނެ ކަމަށާއި، އަދި ޣައްޒާ އަށް އެހީ ފޯރުކޮށްދެވޭނެ ކަމަށް އެ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.
ހަމާސް އިން ޢާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ”ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، އިސްރާއީލު ސިފައިން އެތަނުން ފޭބުމާއި، އެހީ ވަނުމާއި، އަދި ގައިދީން ބަދަލުކުރުން ހިމެނޭ އެއްބަސްވުމަކަށް ވާސިލުވެފައިވާ“ ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަ ކުރި ގޮތުގައި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފާސްކުރުމަށް ބުރާސްފަތި ދުވަހު އޭނާގެ ކެބިނެޓްގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
އިސްރާއީލުން ޣައްޒާގައި ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަދުވެގެން 67،183 މީހުން ޝަހީދުވެ، 169،841 މީހުން ޒަޚަމްވެފައިވެއެވެ. އަދި ހަލާކުވެފައިވާ ޢިމާރާތްތަކުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަޅުލެވިފައިވާ ކަމަށް ޤަބޫލުކުރެވެއެވެ.