ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

މީޑިއާ ކޮމިޝަނަށް ހަތަރު މެންބަރުން އިންތިހާބުވެއްޖެ

މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާނެ ދެ މެމްބަރުންގެ ގޮތުގައި ބޭފުޅުން އިންތިޚާބުވެފައިވާކަން އިލެކްޝަން ކޮމިޝަނުން މިއަދު ޢިއުލާންކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނީ 2025ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބުގެ ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާ ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިފައިވާ ކަމަށެވެ.

އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަޤާމަށް ކުރިމަތިލި ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ޝަރުޠުހަމަވެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް، 2 ކެންޑިޑޭޓުންކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު، އެ މަޤާމަށް ވެސް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ޝަރުޠުހަމަވާ 2 ކެންޑިޑޭޓުންނެވެ.

އެހެންވެ މި ފަރާތްތައް އިންތިޚާބުވެފައިވާކަން މިހާރު ވަނީ އިޢުލާންކޮށްފައެވެ.

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބު ވެފައިވަނީ، މޫނިމާގެ / ށ. ފޭދޫ، ޢަބްދުލްޢަޒީޒް އިބްރާހީމް އާއި މަލަ / ގދ. ތިނަދޫ، ޒަމްޢަތު އަޙްމަދު ވަޙީދުއެވެ.

އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބުވެފައިވަނީ، ވެލީގެ / ގދ. ރަތަފަންދޫ، ސިމާޙާ ނަސީމް އާއި ހިސާން / ހދ. ވައިކަރަދޫ، ޙުސައިން ޘަޤީފްއެވެ.

މިއީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ތިއްބަވާ 7 މެންބަރުންގެ ތެރެއިން 4 މެންބަރުން އިންތިޚާބުކުރުމަށް އީސީން އިޢުލާންކޮށްފައިވާ އިންތިޚާބެކެވެ.

ގުޅުންހުރި ލިޔުންތައް