އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަނީ ގައުމު އިނދަ ޖައްސާލަންކަމަށް ވިދާޅުވެ، މުޒާހަރާއަށް ނުދިއުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ގާސިމް ވަނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ މުޒާހަރާއަށް ޖޭޕީގެ އެއްވެސް މެންބަރަކު ނުދިއުމަށް އެދިފައެވެ. މި މުޒާހަރާ ގާސިމް ސިފަކޮށްފައި ވަނީ ބިނާކުރަނިވި މުޒާހަރާއަކަށްވުރެ، ފަނާކުރަނިވި މުޒާހަރާއެއްގެ ގޮތުގައެވެ.
މިއީ ވެރިކަން ހޯދުމަށްޓަކައި ކުރާ ނުބައިކަމެއްކަމަށް ގާސިމް ވިދާޅުވި އެވެ. އަދި މިއީ އެއްވެސް ހާލެއްގައި، ރާއްޖެ މިހާރު އޮތް ދަރަނިވެރި ހާލަތުން ސަލާމަތް ކުރަން ހިންގާ ހަރަކާތެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މިއީ ގައުމަށް މި ސަރުކާރުގައި ރަނގަޅުކަމެއް ކުރުމުގެ ފުރުސަތު ނުދީ، ވެރިކަން ހޯދުމަށްޓަކައި ހިންގާ ފިތުނަވެރި އަމަލެއްކަމަށެވެ.
މި ސަރުކާރުން ނަގަން ޖެހިފައިވާ ދަރަނީގެ ޒިންމާއަކީ މީގެ ކުރިން ފާއިތުވީ ސަރުކާރުތަކުގައި ނަގާފައިވާ ދަރަނިތަކެއްގެ ޒިންމާކަމަށާއި، ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑު ބައި ހޭދަ ވަނީ ދަރަނި ދެއްކުމަށްކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މި ދަރަނި ނުދެއްކިއްޖެނަމަ މުޅި ގައުމު ބަނގުރޫޓުވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން ގެންދާކަމަށާއި، މުވައްޒަފުންނަށް މުސާރަދީ ގައުމުގެ އެހެން ކަންކަން ވެސް ހިންގަނީ މި ދަތިތަކާއިއެކުކަމަށް ގާސިމް ވިދާޅުވިއެވެ. މިދިޔަ ވެރިކަންތަކުގައި ކުންފުނިތަކުގައި ވެސް ބޮޑެތި ހިޔާނާތްތައް ހިންގާފައިވާއިރު، އެ ސަރުކާރުތަކުން މި މައްސަލަތައް ހައްލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށް ގާސިމް ވިދާޅުވީ، މި ސަރުކާރު ފެންނަނީ މުޅިން ތަފާތުކޮށްކަމަށެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ތުހުމަތުތައް އަމާޒުވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅައި، މަގާމުން ދުރުކުރަމުންކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން މުޒާހަރާއިން ނިކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވެއްޓުންކަމަށް ގާސިމް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ތުރާލާ ކުރިމަތިވާނެކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވަނީ ގައުމު ހަލަބޮލި ކުރުމަށް މުޒާހަރާގައި ބައިވެރިނުވުމަށް އެދިވަޑައިގެންފައެވެ. ގައުމުގެ އަމާންކަން ގެއްލޭނެ ކަންކަން ނުކުރުމަށްވެސް އެދިވަޑައިގެންފައިވެއެވެ. ގާސިމް ވިދާޅުވީ މިއީ ގައުމު އިނދަޖައްސާލުމަށް ހިންގާ މުޒާހަރާއެއްކަމަށެވެ. ދީނީ ގޮތުން ނަމަވެސް އަދި ގާނޫނީ ގޮތުން ބެލި ނަމަވެސް ކަން އޮތް ގޮތަކީ މިއީކަމަށް ފާހަގަކޮށް ގާސިމް ވަނީ ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.