ޔޫއެފާ ޗެންޕިއަންސް ލީގުގައި ރޭ ތުރުކީގެ ޗެމްޕިއަން ގަލަތަސަރާއީއާ ވާދަކޮށް އިނގިރޭސި ޗެމްޕިއަން ލިވަޕޫލް 1-0 އިން ބަލިވެއްޖެއެވެ.
މި މެޗުގައި ގަލަތަސަރާއީގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ވިކްޓާ އޮސިމްހެންއެވެ. ރޭގެ މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އާއި ފޯވާޑް ހޫގޯ އެކިޓީކޭ އަށް ވަނީ އަނިޔާވެގެން ބަދަލުކުރަން ޖެހިފައެވެ. އަދި އެ ޓީމުގެ އެންމެ މުހިއްމު ފޯވާޑް މުހައްމަދު ސަލާހު ވެސް ކުޅެން އެރުވީ ފަހު ހާފުގައެވެ.

މެޗުގެ އެންމެ ފަހު މިނިޓު ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އަށް ފައުލް ކުރި ކަމަށް ބަލައި ރެފްރީ އެ ޓީމަށް ޕެނަލްޓީއެއް ދޭން ވެސް އިޝާރާތް ކުރިއެވެ. ނަމަވެސް ވީއޭއާރުން އެ ނިންމުން ބަދަލުކުރިއެވެ.
މިއީ ލިވަޕޫލް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އެންމެ ފަހުން އިނގިރޭސި ލީގުގައި އެ ޓީމު ވަނީ 2-1 އިން ކްރިސްޓަލް ޕެލަސް އަތުން ވެސް ބަލިވެފައެވެ.

ރޭގައި އިތުރަށް ކުޅެވުނު މެޗުތަކަށް ބަލާލާއިރު އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ އަމިއްލަ ދަނޑުގައި އެއިންޓްރަކް ފްރޭންކްފާޓާ ވާދަކޮށް 5-1 އިން މޮޅުވެފަ އެވެ. އަދި އެޓަލާންޓާ ވަނީ 2-1 އިން ކްލަބް ބުރޫޖް ބަލިކޮށްފަ އެވެ. އަދި އިންތަ މިލާން 3-0 އިން ސްލާވިއާ ޕްރާހާ ބަލި ކުރި އިރު އޮލިމްޕިކް މާސޭ ވަނީ އަޔެކްސްއާ ވާދަކޮށް 4-0 އިން މޮޅުވެފައެވެ. މީގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާ ރަށުން ބޭރުގައި ނޯވޭގެ ބޯޑޯ/ގްލިމްޓްއާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.



