- Advertisement -spot_img

ލިލީ ފިހާރައިގައި ރޯވެ ދެ މިލިއަން ރުފިޔާގެ މުދާ އަޅިއަށް

އެކި ބާވަތްތަކުގެ މުދާ ރާއްޖެ އެތެރެކޮށް ހޯލްސޭލްކޮށް ވިއްކާ ލިލީ އެންޓަޕްރައިޒަސްގެ ބާޒާރުމަތީ ފިހާރައިގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ބީއެޗްއެމްގެ ކުރިމަތީ ހުންނަ ”ލިލީ އެފްއެންބީ ސަޕްލައި ބާޒާރު 1″ގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:00 އެހާކަންހާއިރު ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، ސިފައިން އެ ސަރަހައްދަށްގޮސް ކުރި ބުރަ މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 2:39 ހާއިރުއެވެ.

އެ ފިހާރައިން ވާހަކަދެއްކި މީހަކު ބުނީ އަލިފާން ރޯވިއިރު ދެ މިލިއަން ރުފިޔާގެ މުދާ އެތަނުގައި ހުންނާނެ ކަމަށެވެ. އެ ހުރިހާ މުދަލެއް ވެސް އަނދައި އަޅިއަށްވީއެވެ.

”އަލިފާން ރޯވުމުންނާއި ފެނުގެ އަސަރުކޮށްގެން ހުރިހާ މުދަލެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި،“ އޭނާ ކިޔައިދިނެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ގެއްލުން 10 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލިލީ އިން އަންދާޒާ ކުރެއެވެ.

ގުޅުންހުރި ލިޔުންތައް