ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ލިވަޕޫލް އަދި ޗެލްސީ ބަލިވެ، ސިޓީއަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލް އަދި ޗެލްސީން ބަލިވިއިރު، މެންޗެސްޓާ ސިޓީއިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ މޮޅުވުމުގެ ރެކޯޑު ނިމުމަކަށް އައީ ރަށުން ބޭރުގައި 2-1 އިން ކްރިސްޓަލް ޕެލަސް އަތުން ބަލިވުމުންނެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި އިސްމާއިލާ ސާ، ޕެލަސް އަށް ލީޑުނަގައިދިންއިރު، މި ގޯލަށް ފަހު ވެސް ފުރަތަމަ ހާފުގައި ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ޕެލެސް އިން ތަނަވަސްކުރި އެވެ.

މެޗުގެ ފަހު މިނެޓުގައި ކްރިސްޓަލް ޕެލަސްގެ އެންކެޓިއާ ގޯލު ކާމިޔާބު ކުރުމަށްފަހު އުފާފާޅުކުރަނީ

ލިވަޕޫލުން މެޗުގެ 87 ވަނަ މިނިޓްގައި، ފެޑެރީކޯ ކިއޭސާގެ ގޯލުން ނަތީޖާ އެއްވަރުކުރިއިރު، މި މެޗުން މޮޅުވި ގޯލު ޕެލެސްއަށް އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޑީ އެންކެޓިއާއެވެ. ލިވަޕޫލުން ބަލިވުމުން، މި ފަހަރު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ މިހާރު ޕެލަސްއެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި 3-1 އިން ބްރައިޓަން އަތުން ބަލިވިއިރު، މި މެޗުގެ ފުރަތަމަ ހާފުގައި އެންޒޯ ފެނާންޑޭޒް ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ޓްރެވާ ޗަލޯބާ އަށް ރަތް ކާޑެއް ދެއްކުމުން ޗެލްސީން މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ.

ޗެލްސީ ކޮޅަށް ގޯލު ކާމިޔާބު ކުރުމަށްފަހު ބްރައިޓަން ކުޅުންތެރިން އުފާފާޅުކުރަނީ

އޭގެ ފައިދާ ނަގައި ބްރައިޓަން އިން ތިން ގޯލު ޖަހައި ވަނީ މެޗުން މޮޅުވެފަ އެވެ. އެގޮތުން ބްރައިޓަން އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކް އާއި މެކްސިމް ޑި ކުއިޕާއެވެ.

ލީގުގައި ރޭ މެންޗެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 5-1 އިން ބާންލީ ބަލިކޮށްފަ އެވެ. މި މެޗުގައި ސިޓީގެ ފޯވާޑް ހާލަންޑް ދެ ގޯލު ކާމިޔާބުކޮށްދިން އިރު، ބާންލީގެ މެކްސިމް އެސްޓީވް އަތުން ވަނީ ބައިކޮޅަށް ދެ ގޯލު ވަދެފަ އެވެ. ސިޓީގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ނުނޭސްއެވެ.

ގުޅުންހުރި ލިޔުންތައް