އެންމެ އިސްކަމެއްދެއްވައިގެން ކުރިއަށް ގެންދަވާނެ އުމްރާނީ ތަރައްޤީގެ މަޝްރޫޢަކީ، މ. މަޑުއްވަރީގައި އައު ނިވައި ބަނދަރެއް ތަރައްޤީކޮށްދެއްވުން ކަމަށާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، އަހަރު ކުރީކޮޅުގެ ތެރޭގައި އެ މަސައްކަތް ފައްޓަވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެ ވާހަކަފުޅުދައްކަވާފައި ވަނީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މުލަކަތޮޅު މަޑުއްވަރީއަށް ވަޑައިގެން އެ ރަށުގެ އިސްވެރިންނާއި، ރައްޔިތުންނާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރަށުގެ ކައުންސިލާއި، އެކި މުއައްސަސާތަކުގެ މެންބަރުންނާއި މަންދޫބުންގެ އިތުރުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ޚިޔާލު ހުށަހަޅުއްވައި، ރަށަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތާއި ޝުޢޫރުތައް ހިއްސާކުރައްވާފައިވެއެވެ. އެގޮތުން އެންމެ ބޭނުންވެފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ނިވައި ބަނދަރެއްގެ ވާހަކައެވެ.

އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ބަނދަރުގެ މަސައްކަތްކުރިއަށް ގެންދަވާއިރު، ރަށަށް ބޭނުންވާ ތަރައްޤީގެ އެހެން މަޝްރޫޢުތައްވެސް ވަކި ތަރުތީބަކުން ކުރިއަށްގެންގޮސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިންވެސް މަޑުއްވަރީގައި މަޝްރޫޢުތަކެއް ކުރިއަށްގެންގޮސްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މަޑުއްވަރީ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.