ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ, ޕާކިސްތާނުގެ ވަގުތީ ރައީސް، ޔޫސުފް ރަޒާ ގިލާނީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތަކީ ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދަށް މަޖިލީހުގެ ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި، އެކިދާއިރާތަކުން، ޚާއްޞަކޮށް ތަޢުލީމާއި ޞިއްޙީ ދާއިރާއާއި ވިޔަފާރީގެ ރޮނގުން ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަމަށް ވިދާޅުވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ހުއްޓުމެއް ނެތި ދިވެހިރާއްޖެއިން ފަލަސްތީނަށް ތާއީދު ކުރުންމަތީ ދެމިތިބޭނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުން ނިންމާލައްވަމުން، ޕާކިސްތާނު ސަރުކާރުން އެ މަނިކުފާނަށާއި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއާއި ޕާކިސްތާނަކީ ސަގާފީ އަދި ދީނީގޮތުން އެއްބައިވަންތަ ދެ ޤައުމުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމުގެ ސަބަބުން، މިފަދަ އިސްލާމީ ޤައުމުތަކުގެ މެދުގައި ސުލްޙަ މަސަލަސްކަމާއި، ތަރައްޤީއާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވާކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމަހުގެ 16 އިން 20 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ބައިވެރިވެވަޑައިގަންނަވައެވެ.