ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ޔުއެފާ ޗެންޕިއަންސް ލީގު: ރަޝްފޯޑްގެ ގޯލުތަކުން ބާސެލޯނާ އިން ނިއުކާސަލް ބަލިކޮށްފި

ޔުއެފާ ޗެންޕިއަންސް ލީގުގައި ބާސެލޯނާ އިން ޕްރެމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އިވެގެންނެވެ.

ޗެންޕިއަންސް ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަދި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތމަ ލަނޑުޖަހައި ކުރިހޯދީ ބާސެލޯނާ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. އަދި އޭގެ ނުވަ މިނެޓް ފަހުން ރަޝްފޯޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅަކޮށްދީފައެވެ.

ޗެންޕިއަންސް ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަދި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

ނިއުކާސަލް ޔުނައިޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް އެންތަނީ ގޯޑަން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ދެލަނޑު ކާމިޔާބުކުރި ރަޝްފޯޑެވެ.

ޗެންޕިއަންސް ލީގުގައި ބާސެލޯނާއަށް ދެންއޮތީ އޮކްޓޯބަރު ދެވަނަ ދުވަހު އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެންޕިއަން ފުރާންސްގެ ޕީއެސްޖީއާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި ހަމައެދުވަހު ރަށުން ބޭރުގައި ނިއުކާސަލް އިން ނުކުންނާނީ ބެލްޖިއަމްގެ ރޯޔަލް ޔޫނިއަން އެސްޖީ އާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް