ޔުއެފާ ޗެންޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގެ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
ޕްރެމިއާ ލީގުގައި މހާތަނަށް ކުޅުނު ހުރިހާ މެޗެއް ފަހު މިނެޓުގައި ގޯލު ޖަހައިގެން ކާމިޔާބުކޮށް ލީގު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް މިވަގުތު އޮތްއިރު، ސްޕެނިޝް ލަލީގާގައި އެތްލެޓިކޯ މެޑްރިޑް މިސީޒަނުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އަދި އެއްމެޗުން ބަލިވެފައިވާއިރު އަނެއް ދެމެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލުންނެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހަ މިނެޓް ތެރޭގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރުވަނަ މިނެޓުގައި ޑިފެންޑަރު ރޮބަޓްސަން ކާމިޔާބުކުރިއިރު، އޭގެ ދެމިނެޓް ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް އެވެ.
ލިވަޕޫލްގެ ދެލަނޑަށްފަހު އެތްލެޓިކޯ މެޑްރިޑުން ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި ދެޓީމުން ވެސް ލަނޑުހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އެތްލެޓިކޯ މެޑްރިޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މާކޯސް ލޮރެންޓޭ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ލިވަޕޫލްގެ ސަލާހް އަދި ފޯވާޑް އެކަޓިކޭއަށް ވަނީ އެޓީމުގެ ލީޑު ފުޅާކުރުމަށް ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އެގޮތުން ސަލާހު ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އެކަޓިކޭއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑި މަތިން ބޭރަށެވެ
އެތްލެޓިކޯ މެޑްރިޑުން ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ލޮރެންޓޯ އެވެ. އަދި ލިވަޕޫލް މެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ވާޖިލް ވެންޑައިކް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.