ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ބައިނަލްއަޤްވާމީ ކުޅިވަރުތަކުން އިސްރާއީލު އެކަހެރިކުރަންޖެހޭ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސާންޗެޒް ބުނެފިއެވެ.
އޭނާ މި ގޮވާލެއްވީ އޭނާގެ ސޯޝަލިސްޓް ވޯކަރސް ޕާޓީގެ އިންތިޚާބުވެފައިވާ މަންދޫބުންނާ މުޚާޠަބުކުރައްވަމުންނެވެ.
ބޮޑުވަޒީރު ސާންޗެޒް ވިދާޅުވީ، އިސްރާއީލަށް އެ ޤައުމުގެ އިމޭޖް ސާފުކުރުމަށް އެއްވެސް ބައިނަލްއަޤްވާމީ މަންސަބެއް ބޭނުންކުރުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ. އަދި 2022 ވަނަ އަހަރު ޔޫކްރެއިންއަށް ރޫސީ ސިފައިން ވަނުމާ ގުޅިގެން ރަޝިއާއާމެދު ޢަމަލުކުރެވުނު ފަދައިން އިސްރާއީލާމެދުވެސް ޢަމަލުކުރަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު ސާންޗެޒްގެ މި ވާހަކަތަކާ ގުޅިގެން އިސްރާއީލުގެ ބޭރު ވުޒާރާގެ ވަޒީރު ގިޑިއަން ސަޢަރު ވަނީ ސްޕެއިންގެ ބޮޑުވަޒީރަށް ”ލަދުވެތި“ މީހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ސަޢަރު ތުހުމަތުކުރެއްވި ގޮތުގައި، މެޑްރިޑްގައި ހިނގި ފަލަސްޠީނަށް ތާއީދުކުރާ މުޒާހަރާތަކަށް ސާންޗެޒް ވަނީ ހިތްވަރުދެއްވާފައެވެ.
މި މުޒާހަރާތަކާ ގުޅިގެން، ސްޕެއިންގައި ކުރިއަށްދިޔަ ވުއެލްޓާ އަ އެސްޕާނާ ސައިކަލް ރޭހުގެ ފަހު މަރުޙަލާ ވަނީ ކެންސަލްކުރަން ޖެހިފައެވެ. މި ރޭހުގައި އިސްރާއީލުގެ ޓީމެއްވެސް ބައިވެރިވެފައިވެއެވެ. މީގެ ކުރިން ބޮޑުވަޒީރު ސާންޗެޒް ވިދާޅުވެފައިވަނީ، ތިން ހަފްތާގެ މި ރޭހުގައި ކުރިން ހިނގި މުޒާހަރާތަކުން ދައްކައިދެނީ ޣައްޒާގެ މައްސަލައިގައި ސްޕެއިން ”ފަޚުރުވެރިކަމާއެކު މިސާލަކަށްވާ“ ކަމަށެވެ.
ސްޕެއިންގެ ސަރުކާރުގެ އެތައް ވަޒީރުންނެއް ވަނީ މި ރޭހުގެ ފަހު މަރުޙަލާގައި ހިނގި މުޒާހަރާއަށް ތަޢުރީފުކުރައްވާފައެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުޒާހަރާގައި 100،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ވަޒީރު އޮސްކާ ލޯޕެޒް ވިދާޅުވެފައިވަނީ، ”އެ ޖެނޮސައިޑާ ދެކޮޅަށް އެތައް ހާސް ބަޔަކު ނުކުތުމަކީ އަހަރެންނަށް ލިބޭ ހިތްހަމަޖެހުމެއް. އެއީ ޖެނޮސައިޑެއް، އެހެން ނަމެއް ކިޔޭނެ ކަމެއް ނޫން“ ކަމަށެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް 64،871 މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި 164،610 މީހުން ޒަހަމްވެފައިވާއިރު، އިތުރު އެތައް ހާސް ބަޔަކު ޣައްޒާގެ ފުނޑުފުނޑުކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި ކަމަށް ބެލެވެ އެވެ.