އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ޓޮޓެންހަމްއިން ކަމުނުގޮސްގެން ދޫކޮށްލި ޕޮސްޓެކޮގްލޫ ނޮޓިންހަމް ފޮރެސްޓަށް

މިދިޔަ ސީޒަންގއި ޓޮޓެންހަމްގެ ކޯޗުކަން އަދާކުރި ޕޮސްޓެކޮގްލޫ ނޮޓިންހަމް ފޮރެސްޓާއި ހަވާލުވެއްޖެއެވެ.

އޮސްޓްރޭލިއާގެ އަންޖް ޕޮސްޓެކޮގްލޫ އަށް ނޮޓިންހަމް ފޮރެސްޓްގެ ކޯޗުކަން ދިނީ ތަށި ހޯދާ ޓީމަކަށް އެ ކްލަބް ހެދުމުގެ އަމާޒުގައި ކަމަށް އެ ޓީމުން ބުނެފައިވާއިރު، އޭނާގެ އަމާޒުހުރީ ފުރަތަމަ ސީޒަނުގައި ވެސް އެކަން ހާސިލްކުރަން ކަމަށް ބުނެފިއެވެ.

ފޮރެސްޓްގެ ކޯޗުކަމުގެ މަގާމުން ސްޓީވް ކޫޕާ ވަކިކޮށް، ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ، އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ، 2023 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. މިދިޔަ ޖޫން މަހު، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ފޮރެސްޓާ އެކު، ނޫނޯ ސޮއި ކުރި ނަމަވެސް، އެ އަށް ފަސް މަސް ނުވަނިސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ފޮރެސްޓުން ޕޮސްޓެކޮގްލޫ އެ ޓީމުގެ ކޯޗަކަށް ގެނައީ، 2027 ގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. ޕޮސްޓެކޮގްލޫ ވަނީ، ޓޮޓެންހަމާ ހަވާލުވެ، އޭނާ އަކީ އެ ހުންނަ ކްލަބެއްގައި ދެ ވަނަ ސީޒަނު ތަށި ހޯދާ ކޯޗެއް ކަމަށް ބުނެ، މިދިޔަ ސީޒަނުގައި، ޓޮޓެންހަމް އަށް 17 އަހަރަށް ފަހު ލިބުނު ފުރަތަމަ ތަށި ހޯދައިދީފައެވެ.

ސެލްޓިކާއި އޮސްޓްރޭލިއާގެ ކުރީގެ ކޯޗު، ޕޮސްޓެކޮގްލޫ، ފޮރެސްޓްގެ ކޯޗުގެ ގޮތުގައި މީޑިއާއާ ބައްދަލުކުރިއިރު، ތަށި ހޯދުމުގެ ސުވާލުތައް ވަނީ އަމާޒުވެފައެވެ.

”އަހަރެން ސެލްޓިކާ އެކު ފުރަތަމަ ސީޒަނުގައި ވެސް ދެ ތަށި ހޯދިން. ދެން އަހަރެން އެކަން މި ޓީމުގައި (ފޮރެސްޓްގައި) ހުރެ ވެސް ހާސިލްކުރަން ބޭނުން، އަބަދު ދެ ވަނަ ސީޒަނުގެ ވާހަކަ ދެއްކޭނީ، ފުރަތަމަ ސީޒަނުގައި ވެސް ރަނގަޅު ކަންކަން ކޮށްގެން، ދެ ވަނަ ސީޒަނުގައި ތަށި ހޯދިޔަސް މަގާމު ޔަގީންނުވާކަން ވެސް އެބަ އެނގޭ،“ މިދިޔަ ސީޒަނުގައި، ޓޮޓެންހަމަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިންތާ ދެ ހަފްތާ ތެރޭ، އެ ޓީމުން ވަކިކުރި ކޯޗު، ޕޮސްޓެކޮގްލޫ ބުންޏެވެ.

ޕޮސްޓެކޮގްލޫ ބުނީ ކޯޗިން ކެރިއަރުގައި މިހާތަނަށް އޭނާ ކުރި ކަމަކީ ތަށި ހޯދަން ކުރާ މަސައްކަތުގައި ކާމިޔާބު ހޯދުން ކަމަށެވެ. އަދި، ފޮރެސްޓްގައި އޭނާއާ ހަވާލުކުރި މައިގަނޑު ޓާގެޓަކީ، ”ތަށި ހޯދާ ޓީމަކަށް“ އެ ކްލަބް ހެދުމަށް ކަމަށް ޕޮސްޓެކޮގްލޫ ވަނީ ބުނެފައެވެ.

މިދިޔަ ސީޒަނުގެ ގަދަ ފަސް ޓީމު ތެރޭގައި، ހިމެނި ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުން، މެޗަކަށް ފަހު، ފޮރެސްޓްގެ ވެރިޔާ، އެވަންޖެލޯސް މަރިނާކިސް އާއި ނޫނޯއާ ދަނޑުމަތީގައި ދެބަސްވުމެއް ހިނގިއެވެ. އޭގެ ފަހުން، މިދިޔަ މަހު ނޫނޯ ވަނީ އޭނާ އާއި މަރިނާކިސްގެ ގުޅުން ރަނގަޅު ނޫން ކަމަށް ބުނެފައެވެ. އަދި، އޭގެ ދެ ހަފްތާ ފަހުން ނޫނޯ އަށް މި ވަނީ އެ ޓީމުގެ ކޯޗުކަން ގެއްލިފައެވެ.

ގުޅުންހުރި ލިޔުންތައް