ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ މިކޭލް މެރީނޯގެ ހެޓްރިކާ އެކު، ސްޕެއިނުން 6-0 އިން ތުރުކީ އަތުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ރޭގެ މެޗުގައި މެރީނޯ ވަނީ 57 މިނިޓް ތެރޭ ތިން ގޯލު ޖަހައި، އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ފުރަތަމަ ހެޓްރިކް ހަދައިފައެވެ. އުމުރުން 29 އަހަރުގެ މެރީނޯ، ސްޕެއިނަށް ކުޅުނު ފުރަތަމަ 31 މެޗުން ޖެހުނީ އެންމެ ދެ ގޯލެވެ. އޭގެ ފަހުން، 2025 ވަނަ އަހަރު ސްޕެއިނަށް ކުޅެދިން ހަ މެޗުން މި ވަނީ ހަ ގޯލު ޖަހައިފައެވެ.

ސްޕެއިނަށް އަނެއް ލަނޑުތައް ޖަހައިދިނީ، ޕެޑްރީ ގޮންޒާލޭޒް ދެ ގޯލާއި ފެރާން ޓޮރޭޒް ގޯލެކެވެ.

ކޮލިފައިން ގްރޫޕް އީގައި ސްޕެއިން ކުޅުނު ދެ މެޗުން މޮޅުވެ، އޮތީ ހަ ޕޮއިންޓާ އެކު، އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޖޯޖިއާ އާއި ތިން ވަނައިގައި އޮތް ތުރުކީ އަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ބަލްގޭރިއާ އަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިނުވެ އެވެ.



