ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އަރްމީނިއާ އަތުން 5-0 އިން ޕޯޗުގަލް މޮޅުވެއްޖެއެވެ.
މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާ އެކު ގައުމީ ޓީމަށް އޭނާ ޖަހައިދިން ގޯލުގެ އަދަދު 140 އަށް އަރައިފިއެވެ.
އަރްމީނިއާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ޕޯޗުގަލް އިން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން ޕޯޗުގަލްގެ ފުރަތަމަ ގޯލު މެޗުގެ 10 ވަނަ މިނެޓްގައި ޖައޯ ފެލިކްސް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ދެވަނަ ގޯލު މެޗުގެ 21 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖައޯ ކަންސެލޯ ވަނީ ޕޯޗުގަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޕޯޗުގަލްގެ ހަތަރުވަނަ ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްދިން އިރު، މެޗުގެ 61 ވަނަ މިނެޓްގައި އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ ފެލިކްސްއެވެ.
ޕޯޗުގަލްގެ ގައުމީ ޓީމަށް 140 ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވާ އިރު، ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ވެސް އުމުރުން 40 އަހަރުގެ ރޮނާލްޑޯގެ އަތުގައެވެ.
ކޮލިފައިންގައި ޕޯޗުގަލް ދެން ބައްދަލުކުރާނީ ހަންގޭރީއާއެވެ.