ހޮނިހިރު, އޮކްޓޯބަރ 11, 2025
spot_img
- Advertisement -spot_img

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ އަށްވުރެ މައްޗަށް

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީހުން) މިއަދު ހާމަކުރައްވައިފިއެވެ.

މި ހޫނު މިނަކީ މި ދުވަސްވަރު ރާއްޖެއިން ފެންނަ އާދަޔާ ޚިލާފު މަތީ މިންވަރެކެވެ. މެޓް އޮފީހުން ވިދާޅުވާ ގޮތުގައި، ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި، މިއަދު ހުޅުލޭގެ ހޫނުމިން 32.0 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.7 ޑިގްރީ ސެލްސިއަސްގައެވެ. ހދ. ހަނިމާދޫގެ ހޫނުމިން 30.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 33.1 ޑިގްރީ ސެލްސިއަސްގައެވެ. އެންމެ ބޮޑަށް ހޫނު އިޙްސާސްކުރެވުނު ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ލ. ކައްދޫއެވެ. ކައްދޫގެ ހޫނުމިން 32.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 38.7 ޑިގްރީ ސެލްސިއަސްގައެވެ.

މީގެ އިތުރުން ގދ. ކާޑެއްދޫގެ ހޫނުމިން 31.0 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.1 ޑިގްރީ ސެލްސިއަސްގައެވެ. އަދި އައްޑޫސިޓީ ގަމުގައި ހޫނުމިން 30.9 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 33.4 ޑިގްރީ ސެލްސިއަސްގައިކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި މަހަށް ރާއްޖެއަށް ވާރޭ ވެހޭނެ ވަރާއި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވޭ ވަރު އާންމުކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު، މި ހިނގާ ސެޕްޓެމްބަރުމަހު ރާއްޖެއަށް ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ފިނިހޫނުމިން އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް އާންމުކޮށް ހުންނަ ވަރަށް ހުރި ނަމަވެސް، ދެކުނު ހިސާބުތަކަށް އާދަޔާ ހިލާފަށް މަތި ވާނެ ކަމަށްވެސް ލަފާކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް