ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅައި ގޮތަށް ހެދުމަކީ ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް ރައީސް ޢަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެއްކެއް: އާދަމް ޝަރީފު

ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރެވޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރިކޮށްގެން ކަމަށާއި، ކައުންސިލްތަކުން ހުށަހަޅާ ކަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަމަލީ ސިފަ ގެނެސްދެއްވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅާ ގޮތަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެއްކެއް ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރެވޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ އިތުރު ކުރެވޭނެ ވިސްނުންތަކެއް އުފަން ކުރެވިގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލްތައް ބާރުވެރި ކުރެވޭނީ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދެވޭނެ ހަކަތަ ކައުންސިލްތަކުގައި ހުރެގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ސީދާ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ގިނަ ބަދަލުތަކެއް ގެންނަން ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން، ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް އިންސާފުވެރި ގޮތަކަށް ކައުންސިލްތަށް ބާރުވެރި ކުރުމާއި އާބާދީ ކުޑަ ނަމަވެސް ބިން ބޮޑު ރައްތަކުގެ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތައް ކަށަވަރު ކުރެވޭނެ ގޮތަށް ބްލޮކް ގްރާންޓް ދިނުމުގެ އުސޫލު ބަދަލު ކުރުން ހިމެނެއެވެ.

މީގެ އިތުރުން، ޑަބްލިޔުޑީސީއަށް ކަނޑައެޅިފައިވާ ބަޖެޓް %5 އިން %10 އަށް އިތުރު ކުރަން އަދި ޑަބްލިޔުޑީސީ މެންބަރުންނަށް ދޭ ރޯދަ އެލެވެންސް ޑަބްލިޔުޑީސީގެ ބަޖެޓުން ނުދީ ކައުންސިލްގެ ބަޖެޓުން ދޭ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް