ކައުންސިލްތަކަށް ދައުލަތުން ދޫކުރާ ބްލޮކް ގްރާންޓު ދިނުމުގައި މިހާރު ޢަމަލުކުރަމުން އަންނަ އާބާދީގެ ބަދަލުގައި ރަށުގެ ބޮޑުމިނަށް ބަލާ ގޮތަށް އުސޫލު ބަދަލުކުރައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެ މަނިކުފާނު މިކަން އިޢުލާން ކުރެއްވީ ހުކުރު ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭނެ މިންވަރު ކަނޑައެޅުމުގައި މިހާރު ޢަމަލުކުރަމުން އަންނަނީ އާބާދީއަށް ބެލުމުގެ އުޞޫލަށެވެ. ރައީސް ވިދާޅުވީ، އާބާދީ މަދު ނަމަވެސް ރަށް ބޮޑު ނަމަ މުނިސިފަލް ޚިދުމަތްތައް މަދު ނޫންކަމަށާއި، މިހާރުގެ އުސޫލުގެ ސަބަބުން މިފަދަ ކައުންސިލްތަކަށް ގެއްލުން ވާތީ މިބަދަލު ގެންނެވީކަމަށެވެ.
”ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖައާ ކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައި،“ ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، ދައުލަތުގެ 2026 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނީ މި ބަދަލާއެކުގައި ކަމަށެވެ.



