ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން އުނގޫފާރުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް

8 ދާއިރާއަކުން އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުން ހިމެނޭހެން ”އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް“ އުގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަށަން ތައްޔާރުވެއްޖެއެވެ.

މިއީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް، ސަރުކާރުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ގުޅިގެން ފަށާފައިވާ ޕްރޮގްރާމެއްގެ ދަށުން ކުރިއަށްދާ ކޭމްޕެކެވެ. މިހާތަނަށް މިކޭމްޕް ލ.އަތޮޅާއި، ކުޅުދުއްށީ ރީޖަނަލް ހޮސްޕިޓަލްގައި ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

މިކޭމްޕާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑެޕިއުޓީ ސީއީއޯ ޑރ.ޝާހު މާހިރު ވިދާޅުވީ، މި ކޭމްޕްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި ރާއްޖޭގެ ވަރަށް ތަޖުރިބާކާރު އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެކަމަށެވެ. ޑޮކްޓަރުންގެ މިޓީމުގައި ސިކުނޑިއާއި ނާރުގެ ބަލިތަކާއި، ގޮހޮރު، ކެންސަރު، ކުޑަކަމުދާ ނިޒާމު، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޝަން، އާއްމު އަދި ލެޕްރޮސްކޮޕިކް، ހޭނެއްތުމާ، ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދިނުމުގެ ޚާއްސަ ޑޮކްޓަރުން ހިމެނެއެވެ.

ޑރ. ޝާހް މާހިރު ވިދާޅުވީ މިކޭމްޕްގައި ބައިވެރިވުމަށް ވަރަށް ގިނަ އަދަދެއްގެ މީހުން ރަޖިސްޓްރީވެފައިވާކަމަށެވެ. މިކޭމްޕްގައި އޮޕަރޭޝަންތަކުގެ އިތުރުން އޯޕީޑީގެ ޚިދުމަތްވެސް ދޭނެއެވެ. އަދި ބަލިމީހުން ބެލުމަށްފަހު ޑޮކްޓަރުން ނިންމާ ގޮތަށް، ހުކުރު، ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހު އެކިއެކި ސަރޖަރީތައް ކުރިއަށްގެންދާނެއެވެ. މިކޭމްގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާ ސިއްޙީ ޚިދުމަތް ދޭ މުވައްޒަފުންނަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޓީމާއެކު މިއޮޕަރޭޝަންތައް، ތަޖުރިބާކުރުމުގެ ފުރުޞަތާއި ތަމްރީންތައް ދޭނެއެވެ.

ޑރ.ޝާހު ވިދާޅުވީ މި ކޭމްޕްގެ ސަބަބުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކާ ގުޅުން ބަދަހިކުރެވި، ކުރިމަގުގައި މިފަދަ ކޭމްޕްތައް ދެމެހެއްޓެވިނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި މިއީ ސަރުކާރުގެވެސް ވަރަށް ބޮޑު ޢަމާޒެއްކަމަށް ވިދާޅުވިއެވެ. ޑރ.ޝާހު ވިދާޅުވީ ރާއްޖޭގައި ހުރިހާ ސަރަޙައްދުތަކަށް ޢަމާޒުކޮށްގެން ސިލްސިލާކޮށް މި ކޭމްޕް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ކުރިއަށްގެންދާނެކަމަށެވެ.

މިހާތަނަށް މި ކޭމްޕް ހިންގި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ލ.އަތޮޅުންވެސް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ. އަދި ކާމިޔާބު ޚިދުމަތްތަކެއް ވަނީ ފޯރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް