ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އަފްޣާނިސްތާނަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 2،200 އަށް

އަފްޣާނިސްތާނުގެ ދެކުނު އިރުމަތީ ފަރުބަދަ ސަރަހައްދުތަކަށް އައި ބޮޑު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،200 އަށްވުރެ އިތުރުވެއްޖެ ކަމަށް ޓާލިބާން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ޓާލިބާން ތަރުޖަމާނު ހަމްދުއްލާ ފިޓްރަތް ވިދާޅުވި ގޮތުގައި އެންމެ ފަހުގެ އަޕްޑޭޓް ކުރެވުނު މަރުވި މީހުންގެ އަދަދަކީ 2،205 އެވެ. އަދި ”މީހުންނަށް ޓެންޓު ޖަހައި، ފުރަތަމަ އެހީއާއި ކުއްލި އެހީ ފޯރުކޮށްދިނުން ކުރިއަށްދާ“ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން އަންދާޒާކޮށްފައިވާ 1،400 އާ އަޅާބަލާއިރު މިއީ ފާހަގަކޮށްލެވޭ އިތުރުވުމެކެވެ.

މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ބުރާސްފަތި ދުވަހު ރިކްޓަރ ސްކޭލްގައި 6.2 ގެ އިތުރު ބިންހެލުމެއް އައިސްފައިވެއެވެ. އާދީއްތަ ދުވަހުގެ މައި ބިންހެލުމާއި އަންގާރަ ދުވަހުގެ އާފްޓަރޝޮކްގައި މަދުވެގެން 3،640 މީހުން ޒަޚަމްވެފައިވާއިރު، 6،700 އަށްވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ.

ވޯލްޑް ފުޑް ޕްރޮގްރާމްގެ އަފްގާނިސްތާނުގެ ކަންޓްރީ ޑިރެކްޓަރ ޖޮން އެއިލިފް ވިދާޅުވި ގޮތުގައި އެ ޤައުމުގެ ރަށްފުށް ސަރަހައްދު ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. އަދި މިވަގުތު އަފްޤާން ވަނީ ހަޤީޤީ ކާރިސާގެ ހާލަތުގައިކަމަށް އޭނާ ވިދާޅުވިއެވެ. އޭގެއިތުރުން އަފްޤާންގެ ބިމުގެ ސަބަބުން އެހީގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އެހީތެރިންނަށް ބައެއް ރަށްތަކާ ހަމައަށް ދިއުމަށް ގަޑިއިރުތަކަކަށް ހިނގަންޖެހޭ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޓާލިބާން އިދާރާތަކުން ވަނީ ހެލިކޮޕްޓަރުތަކާއި އާމީ ކޮމާންޑޯއިން ވައިގެ މަގުން ފޮނުވައި، ސަލާމަތްކުރުމުގެ މަސައްކަތް ހަލުވިކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ. ނަމަވެސް ވޯލްޑް ފުޑް ޕްރޮގްރާމްގައި ހުރީ ހަމައެކަނި މަދު ހަފްތާއަކަށް ފުދޭވަރުގެ ސަޕްލައި ކަމަށް އެއިލިފް އިންޒާރުދެއްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް