ހއ.އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ޚިދުމަތް ފަށައިފިއެވެ.
އެ ހޮސްޕިޓަލުން ބުނީ މި ޚިދުމަތް ފެށުމުން ހއ. އަތޮޅުގައި ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއްވެ، މިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
މިއީ އަތޮޅު ހޮސްޕިޓަލެއްގައި މި ހިދުމަތް ފެށި ފުރަތަމަ ފަހަރެވެ. ސްޕީޗް ތެރަޕީގެ ޚިދުމަތް އަތޮޅުތެރޭގައި މިހާތަނަށް ޤާއިމުކޮށްފައިވަނީ ރީޖަނަލް ދެ ހޮސްޕިޓަލެއްގައެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައެވެ.
ހއ އަތޮޅު ހޮސްޕިޓަލުން ވަނީ މި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ގޮތުން ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލާފައެވެ.
މި އަހަރުގެ ތެރޭގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސައިކޮލޮޖީގެ ޚިދުމަތްތައް ވެސް އިތުރަށް ފުޅާކުރުމަށް ރާވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.