އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ސިވިލް މުވައްޒަފުން ރިޓަޔަރކުރާއިރު އެސްއޯއީތަކުގައި މަސައްކަތް ކުރި މުއްދަތު ހިމަނަން ނިންމައިފި

ސިވިލް ސަރވިސް މުވައްޒަފުން ރިޓަޔަރކުރާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރި މުއްދަތު ހިމަނަން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިގޮތަށް ނިންމީ އިއްޔެ އާންމު ކުރި ސަރކިއުލާއެއްގައެވެ. މިގޮތުން ސީއެސްސީން ނެރުނު ސަރކިއުލާއެއްގައި ވަނީ، ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރާއިރު ހިދުމަތުގެ މުއްދަތުގެ ގުނުމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން، މީގެ ކުރިން ދައުލަތަށް ހިދުމަތް ކުރި މުއްދަތުވެސް ވަޒީފާއިން މުސްކުޅި ކުރުމުން ގުނާއިރު، ދައުލަތުގެ އެހެން މުއައްސަސާތަކުގައިވެސް ހިދުމަތް ކޮށްފައިވާ މުއްދަތު ހިމެނުމަށް އެ ކޮމިޝަނުން ނިންމަވާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ސީއެސްސީން ބުނީ، ދައުލަތުގެ އެހެން މުއައްސަސާތަކުގެ ގޮތުގައި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތައްވެސް ހިމެނޭނެ ކަމަށެވެ. އެހެންކަމުން، އެސްޓީއޯ އާއި އެމްޓީސީސީ އާއި އެޗްޑީސީ އާއި އެމްއޭސީއެލް އަދި އާރުޑީސީ ފަދަ ކުންފުނިތަކުގައި ހިދުމަތް ކޮށްފައިވާ މުވައްޒަފުން އެތަނެއްގައި ހޭދަ ކުރި މުއްދަތު ސިވިލް ސަރވިސް ވަޒީފާއިން މުސްކުޅި ކުރާއިރު ހިމަނާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެ ކޮމިޝަނުން ވަނީ ބުދަ ދުވަހު ގެނައި ބަދަލާއެކު މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ދެމިތިބި މުވައްޒަފުން ދައުލަތުގެ އެކި މުއައްސަސާތަކާއި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ އެކަން އެންގުމަށް އެދިފައެވެ. އެގޮތުން، މި ތަޖުރިބާގެ ލިޔުން އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއެއް މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަންގެ ސީއެސް ވިއުގައިގެ ”އެކްސްޕީރިއަންސް“ ބައިގައި އަދާހަމަ ކުރުމަށް ވަނީ އަންގާފައެވެ.

ސީއެސްސީ އިން ވަނީ އެ ކޮމިޝަނާއި ކޮމިޝަނުގެ އިދާރާތަކާ ގުޅޭގޮތުން ޝަކުވާތަކާއި މައްސަލަތައް އޮންލައިންކޮށް ހުށެހޭނެ ގޮތްވެސް ހަދައިފައެވެ. އެގޮތުން، އެ ކޮމިޝަންގެ ”މައިއެކައުންޓް“ މެދުވެރިކޮށް ކޮންމެ މީހަކަށްވެސް މިހާރު ޝަކުވާތައް ހުށަހެޅޭނެއެވެ.

މައިއެކައުންޓަކީ އީ-ފާސް އެކައުންޓް މެދުވެރިކޮށް ވަދެވޭނެ އެކައުންޓެކެވެ. މި އެކައުންޓުން ހުށަހަޅާ ޝަކުވާއާއި އެ ޝަކުވާގެ ޕްރޮގްރެސް ފެންނަން ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް