އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަނު ކުރައްވައިފިއެވެ.
މިކަން ހާމަކޮކޮށް އެސްޑީއެފްސީގެ ސޯޝަލްމީޑިއާ އެކައުންޓްތަކުން ވަނީ ބަދުރުއްދީންއަށް މަރުހަބާ ދަންނަވާ ޕޯސްޓްކޮށްފައެވެ. ބަދުރުއްދީން ހަސަން މީގެކުރިން ހުންނެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ ޑައިރެކްޓަރގެ މަގާމުގައެވެ.
އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ އެމްޑީގެ މަގާމުގައި މީގެކުރިން ހުންނެވީ އައިޝަތު ފިފްޝީން އެވެ. ފިފްޝީން އެމަގާމުން ވަކިކުރިކަން ޕީސީބީން ހާމަކޮށްފައިވަނީ މާޗް މަހުގެ ތެރޭގައެވެ.
މީގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ޖުލައި މަހުގެތެރޭގައެވެ.