އަފްޣާނިސްތާނަށް އައި ވަރުގަދަ ބިންހެލުމާ ގުޅިގެން އިންޑިއާއިން އެ ގައުމަށް އިންސާނީ އެހީ ފޯރުކޮށްދީފިއެވެ.
މިގޮތުން އިންޑިއާއިން ވަނީ 1،000 ޓެންޓު ކާބުލްއަށް ފޮނުވައި، 15 ޓަނުގެ ކާބޯތަކެތި ފޮނުވުމުގެ މަސައްކަތް ފަށައިފައެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (ޔޫއެންއޯސީއެޗްއޭ) އިން ހާމަކުރި ގޮތުގައި، ބިންހެލުން އައިސްފައިވަނީ ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސަށެވެ. ހޯމަ ދުވަހުގެ ހެނދުނު އައި މި ބިންހެލުމަކީ ރެކްޓާ މިންގަނޑުން 6.3 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ.
ޔޫއެންއޯސީއެޗްއޭ އިން ބުނީ ލަގްމަން، ނަންގަރްހާރު އަދި ނޫރިސްތާން އާއެކު ހަތަރު ޕްރޮވިންސްގައި މިހާތަނަށް 800 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 12،000 މީހުންނަށް ބިންހެލުމުގެ ސީދާ އަސަރުކޮށްފައިވެއެވެ.
އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އަންގާރަ ދުވަހު 1،411 އަށް އަރާފައިވާއިރު، އާދީއްތަ ދުވަހުގެ ރޭ ދަންވަރު އައި 6.0 މެގްނިޓިއުޑްގެ ބިންހެލުމުގައި 3،124 މީހުން ޒަޚަމްވެފައިވާކަމަށް އަފްޣާނިސްތާނުގެ ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު މައުލަވީ އާމިރު ޚާން މުއްތަކީއާ ވާހަކަދައްކަވައި، ތައުޒިޔާ ވިދާޅުވެފައެވެ. އަދި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ދަނީ މަސައްކަތްކުރަމުންނެވެ.