ސްޕެނިޝް ލީގުގައި ރޭ ޗެންޕިއަން ބާސެލޯނާ އާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ވަޔެކާނޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 40 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލަމީން ޔަމާލްއެވެ. މިއީ ވަޔެކާނޯގެ އޭރިއާ ތެރެއިން ޔަމާލް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ދެވަނަ ހާފުގައި ވަޔެކާނޯގެ ކުޅުން ރަނގަޅުކޮށް އެޓީމުން ދިޔައީ ބާސެލޯނާގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓްގައި ފްރަން ޕެރޭޒް ވަނީ ވަޔެކާނޯ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލު ޕެރޭޒް ކާމިޔާބުކުރީ ބާސާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ފޮނުވާލި ހަމަލާއަކުންނެވެ.
މި ގޯލަށް ފަހުވެސް ވަޔެކާނޯ އިން ދިޔައީ ބާސާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ވަޔެކާނޯ އިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި މި މެޗުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދެއްކި ބާސާގެ ކީޕަރު ޖޮއާން ގާސިއާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.
ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗަށްފަހު ބާސެލޯނާ އުޅެނީ ލީގު ތާވަލުގެ ހަތަރު ވަނާގައެވެ. އަދި މިވަގުތު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ލީގު ތާވަލު އެއްވނާގައި އުޅެނީ ރިއަލް މެޑްރިޑެވެ.