ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ދ. ވާނީގައި ކުރިއަށް ގެންދިޔަ ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ދ. ވާނީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ގައުމުތަކުގެ ސަފީރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން އަދި ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ.

މި އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ 40 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ސާޖަންޓް މުޙައްމަދު އަރުޝަދުއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު މި ދަރިވަރަށް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ކޯހުން ދެވަނަ ދަރިވަރަކަށް ސާޖަންޓް އާދަމް ނަސީމް ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް މުޙައްމަދު އަޔާން ޢަލީއެވެ.

ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ސާޖަންޓް އަޙްމަދު ޝިބަމްއެވެ. ދެވަނަ ދަރިވަރަކަށް ސާޖަންޓް އާދަމް ނަސީމް ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް މުޙައްމަދު އަޔާން ޢަލީއެވެ.
އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ކޮންސްޓަބަލް އައިޝަތު ހަމްޒާ ނިޔާޒް ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް ޒިނާން އަޙްމަދު ރަޝީދުއެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް އަޙްމަދު އަތޫފް މުޙައްމަދު ޚާލިދުއެވެ.
އެންމެ މޮޅު ސްކޮޑަކަށް ހޮވިފައިވަނީ އައިނެއްލާ ސްކޮޑެވެ. މި ސްކޮޑަށް ޝީލްޑް ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި، ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ހައްގުތައް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
40 ވަނަ އަސާސީ ތަމްރީނު ކޯހުގައި 97 ފިރިހެން ފުލުހުންނާއި 41 އަންހެން ފުލުހުންނާއެކު ޖުމްލަ 138 ފުލުހުން ބައިވެރިވެފައިވެއެވެ. އަދި 116 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ.