އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވައިފި

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުއްވައިދެއްވީ އެކަމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވުން | ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

ސަރުކާރުގެ ހޮސްޕިޓަލްތަކުން އައިނު ހެއްދުމުގެ ޚިދުމަތް ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއެކު، އެންމެ ފުރަތަމަ އައިނު ފިހާރަ ހުޅުވާފައިވަނީ އައިޖީއެމްއެޗްގައެވެ.

ސަރުކާރުން ފޯރުކޮށްދޭ ސިއްހީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި ގާއިމުކުރި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް ރައީސް ޑރ. މުއިއްޒު ހުޅުއްވާދެއްވީ މިދިޔަ ޖުލައި މަހުއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވުން | ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުވާފައިވަނީ އެ މަސައްކަތުގެ ދަށުން ގާއިމްކުރި ދެ ވަނަ ފިހާރައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުން ވެސް މިއަދުން ފެށިގެން ހިލޭ އައިނު ހެއްދޭނެ ކަމަށެވެ. މީގެ އިތުރުން ވެސް އެހެން ގިނަ ޚިދުމަތްތަކެއް ލިބޭނެއެވެ. މީގެ ތެރޭގައި ލޮލުގެ ސްކްރީނިން، ލެންސްގެ ޚިދުމަތް، އައިނު ހެއްދުން، އަދި ގްލޮކޮމާ ފަދަ ބަލިތަކަށް ސްކްރީންކުރުން ހިމެނެއެވެ.

ރާއްޖޭގައި އައިނު ހެއްދުމަށް ބޮޑު ޚަރަދު ކުރަންޖެހުމަކީ އާއްމުންގެ ކަންބޮޑުވުމެކެވެ. އަދި، މީގެކުރިން އައިނު ހެއްދުމަށް އާސަންދައިގެ ދަށުން ދެމުންގެންދިޔައީ 1000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަދަދު މިއަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ. ރައީސް އެގޮތަށް ނިންމެވީ، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ނިންމެވުމަށް ފަހު، މެއި 31 ވަނަ ދުވަހު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، ވަރަށް އަވަހަށް އައިޖީއެމްއެޗްގައި އެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އެދުވަހު ވިދާޅުވިއެވެ.

ރައީސް އެފަދައިން ވިދާޅުވީ، އައިނު ހެއްދުމުގައި އޮތް ނާޖައިޒު ފައިދާ ކުޑަކޮށް ރައްޔިތުންނަށް އެކަމުގެ ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ. ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ، ސަރުކާރު ހޮސްޕިޓަލްތަކުގައި އައިނު ހެއްދުމުގެ ޚިދުމަތް ދޭން ފެށުމުން ޕްރައިވެޓް ވިޔަފާރިތަކުގެ ޚިދުމަތް ރަނގަޅުވެގެން ދާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް