ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ނޮޅިވަރަންފަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި    

ހދ. ނޮޅިވަރަންފަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީއާ) ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ މިހާރު ރައީސް ޑރ.މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަންފަރަށް ވަޑައިގެންނެވުމުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދު ﷲ މުއްތޮލިބު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، އަހުމަދު ސައުދީ އެވެ.

ނޮޅިވަރަންފަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތު | ފޮޓޯ: ރައީސް އޮފީސް

މި މަޝްރޫޢުގެ ދަށުން 64,992.47 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުމާއ،ި 189 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއި، 161 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި 65 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމާއި، ބަނދަރުގެ ޕޭވްމަންޓް މަސައްކަތާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

44.68 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 380 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

2000 މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަންފަރު ބަނދަރު ތަރައްގީވެ ފަޅުގައި ޖާގަ ތަނަވަސްވެގެން ދިޔުމަކީ ނޮޅިވަރަންފަރުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. އެހެންކަމުން މިމަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ރަށުގެ އޮޑިދޯނިފަހަރާއި، ލޯންޗު ފަހަރާއި ޑިންގީ އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބުމާއެކު ރައްޔިތުންގެ މި އުންމީދު ހާސިލްވެ ލަފާފުރުމުގެ ދަތިތަކަމަށްވެސް ހައްލު ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް