ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ނޮޅިވަރަންފަރު ސްކޫލްގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ނޮޅިވަރަންފަރު ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން ރަށްގިރާ ސަރަޙައްދު ހިމާޔަތްކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމާއި މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން އަވަސްކޮށްދެއްވުން ހިމެނެއެވެ. މީގެ އިތުރުން ދަނޑުވެރިންނަށް ކަރަންޓު ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމާއި ރަށުގެ ޒުވާނުންނަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ވޮލީ ކޯޓެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ނޮޅިވަރަންފަރު ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

އަދި ނޮޅިވަރަންފަރު ފަޅުތެރޭގައި، ގިރައިގެންގޮސްފައިވާ ފިނޮޅު ރަށު ރައްޔިތުން ޕިކްނިކު ދާނެ ރަށެއްގެ ގޮތުގައި ތަރައްޤީކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށަށް ސީ އެމްބިއުލަންސެއްގެ ބޭނުން ބޮޑުވެފައިވާކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް