ދިވެހިރާއްޖެއަކީ ޓެކްސްގެ ނިޒާމެއް ގާއިމުކޮށް، ޓެކްސް ގާނޫނުތަކަށް އަމަލުކުރާ ގައުމަކަށްވާއިރު، ޒަކާތުގެ ގާނޫނެއް އައުމުން ރައްޔިތުން ސުވާލު އުފައްދަނީ ހޭލުންތެރިކަން ކުޑަކަމުންކަމަށް މެލޭޝިއާގެ އިންސެފް ޔުނިވާސިޓީގެ ޑީން ޑރ. އާއިޝަތު މުނީޒާ މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިސްލާމިކް ފައިނޭންސް ދާއިރާގައި ދުނިޔޭގައި ފާހަގަކޮށްލެވޭ ބޭފުޅެއްކަމުގައިވާ މުނީޒާ ވިދާޅުވީ، ޓެކްސްއާއި ޒަކާތުގެ ތަފާތު ދިވެހިންނަށް ސާފުކޮށްދޭންޖެހޭކަމަށެވެ. ”ޓެކްސްގެ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއް. ޒަކާތަކީ އިލާހީ ވާޖިބެއް. ޓެކްސްއިން ސަރުކާރުތައް ދެމެހެއްޓޭ. ނަމަވެސް ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ،“ އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ޒަކާތު ބިލެއް ފުރަތަމަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވާއިރު، ގިނަ ބަޔަކު ކަންބޮޑުވަނީ ޓެކްސް ދައްކަމުންދާއިރު، ޒަކާތު ފަންޑުގެ ތެރެއިން އިންވެސްޓްކޮށްގެން ފަގީރުންނާއި މިސްކީނުންނަށް ބެހުމުގެ ކަންކަން ފުޅާކުރާތީއެވެ. އެކި ނަންނަމުގައި ސަރުކާރަށް ނަގާ ޓެކްސްއަކީ ރައްޔިތުންނަށް ހިދުމަތްދީ މުޖުތަމައު މުއްސަނދިކުރުމަށް ކަމަށްވާއިރު، ޒަކާތުގެ ފައިސާއިން އިންވެސްޓްކުރާގޮތާމެދު ސުވާލު އުފައްދާ މީހުން ގިނައެވެ.
މުނީޒާ ވިދާޅުވިގޮތުގައި، ޒަކާތަކީ ގުރުއާނުގައި ބަޔާންކުރައްވާފައިވާ، ލިބޭވަރާއި ގިންތިތައް ސާބިތުކަމާއެކު ބަޔާންކުރައްވާފައިވާ އިލާހީ ގޮތުން ލާޒިމްކުރާ އެއްޗެކެވެ. އެހެންކަމުން ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ހިންގުމަށް ވަކިން ހާއްސަ ގާނޫނެއް ބޭނުންވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މިހާރުގެ އާންމު އުސޫލަކީ ޒަކާތުގެ ފައިސާ އޭގެ ބެހެނިވެރިންނަށް އެއްފަހަރު ބޭނުންކުރެވޭގޮތަށް ޖަމާކޮށްދިނުން. އެހެންކަމުން ޒަކާތުގެ ފައިސާ ބެލެވެނީ ކުރު މުއްދަތަކަށް މީހަކަށް ހޯދައިދޭ ތަސައްލީއެއްގެ ގޮތަށް. އެކަމަކު، ޒަކާތަކީ އެއަށްވުރެ ބޮޑު މަގުސަދެއް ހާސިލުކުރެވޭނެ ފަދަ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އިންސްޓްރޫމަންޓެއް،“ މުނީޒާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޒަކާތަކީ ހަމައެކަނި އެއްދުވަހުގެ ބޭނުންތައް ފުއްދައިދޭން މީހުންނަށް ދޭ ފައިސާއެއް ނޫންކަމަށާއި، އެއީ މީހެއްގެ ދިރިއުޅުން ފަގީރުކަމުން މުއްސަނދިކަމަށް ބަދަލުކޮށް، މިއަދު ޒަކާތުގެ ފައިސާ ބަރޯސާވާ މީހާ މާދަމާ ޒަކާތް ދައްކާ މީހަކަށް ބަދަލުކޮށްލެވޭނެ އެއްޗެއްކަމަށެވެ.
ރާއްޖޭގައި ޒަކާތާގުޅޭ ކަންކަން ޒަމާނީކުރުމަށް މުނީޒާ ހުށަހެޅުއްވި ހުށަހެޅުންތަކުގެ ތެރޭގައި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން ރަނގަޅަށް ހިފުމާއި، ޒަކާތާގުޅޭ ކަންކަން ޑިޖިޓަލްކުރުމާއި، ބްލޮކްޗެއިން ފަދަ ޓެކްނޮލޮޖީގެ އެހީގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. އަދި ގޭބީސީތަކުގެ ފަގީރުކަން ރިއަލްޓައިމްގައި ބެލުމަށް އިންޓަނެޓް އޮފް ތިންގްސް ބޭނުންކުރުމާއި، ޒަކާތާމެދު އާންމުން ހޭލުންތެރިކުރުމަށް އިތުރު ކެމްޕެއިންތައް ފެށުމާއި، ގައުމީ ތަރައްގީގެ ސްޓްރެޓެޖީތަކުގައި ޒަކާތުގެ ވާހަކަ ހިމެނުމާއި، ޒަކާތާގުޅޭ ކަންކަމަށް މީހުން ތަމްރީންކޮށް އިންވެސްޓްކުރުން ވެސް ހިމެނެއެވެ.
މިއަދުގެ ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ފަގީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން އެހީތެރިކަން ދެވޭނެގޮތުގެ އިތުރު މަޝްވަރާތައް ފަށައި، އެކަމާގުޅޭ ހާއްސަ ކަރުދާހެއް ކެބިނެޓަށް ހުށަހަޅަން ތައްޔާރުވަމުން އަންނަކަމަށެވެ.
ޒަކާތު ބިލާގުޅޭގޮތުން ޝަހީމް ވިދާޅުވީ، އެ ބިލް ފަރުމާކުރީ ދުނިޔޭގައި އެންމެ ފަހުގެ އިލްމީ ތަޖުރިބާގެ މައްޗަށްކަމަށާއި، ބިލްގައި އިދާރީ މެނޭޖުމަންޓާއި ޝަރުއީ ހަމަތައް ގުޅިލާމެހިފައިވުމާއި އިންވެސްޓުމަންޓުތަކަށް ފުރުސަތު ދީފައިވާނެކަމަށެވެ. އަދި އެއީ ޒަކާތާބެހޭ އެހެން ގާނޫނުތަކުގައި ނެތް ސިފައެއްކަމަށް ވެސް ވިދާޅުވިއެވެ. ޒަކާތާގުޅޭ ކަންތައްތަކުގައި ރާއްޖެއަކީ ދުނިޔޭގައި އެންމެ ލީޑިން ގައުމަށް ވުމަކީ އަމާޒެއްކަމަށާއި، އެކަމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



