ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން، އެ ރަށު ސިއްހީ މަރުކަޒުގެ އައު އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.
ހިމަންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގައި އާންމު ސިއްހަތުގެ ހިދުމަތުގެ ޔުނިޓާއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކާއި ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއް ގައިމުކޮށްފައިވެއެވެ. އަދި މާބަނޑު މީހުންގެ ކްލިނިކާއި ކުޑަކުދިންގެ ސިއްހަތު ކްލިނިކްވެސް ގާއިމުކޮށްފައިވެއެވެ.

ހިމަންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވިއިރު، އެ ރަށުގައި އަޅައި ފުލުހުންގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ހިމަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިމަންދޫއަށް ވަޑައިގެންނެވުމަށް އެ ރަށު މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސްގެ 3 ދުވަހުގެ މި ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮހަށް ޒިޔާރަތްކުރައްވާނެއެވެ.