ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ދަރަވަންދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލް އިދާރާގައެވެ.

ދަރަވަންދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދަރަވަންދޫ އެއަރޕޯޓަށް މި ވޭތުވެދިޔަ 12 އަހަރު ދުވަހު އެއްވެސް ސަރުކާރަކުން އަޅާނުލާ ކަމަށާއި އެއަރޕޯޓުގެ ހާލަތު ދަށްވަމުންދާތީ މި މައްސަލައަށް ހައްލެއް ހޯދުމާއި ދަރަވަންދޫގައި ޑޮލަރު އޭ.ޓީ.އެމް. އެއް ގާއިމުކޮށްދެއްވުމަށާއި ހަނިފަރު ބަލަހައްޓާ ތަނެއްގެ ގޮތުގައި، ދަރަވަންދޫގައި ބަޔޮސްފިޔަރ ރިޒަރވް އޮފީހެއް ގާއިމުކޮށްދެއްވުން ހިމެނެއެވެ.

ދަރަވަންދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ރަށުގެ ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، ރަށުގައި ފްލެޓް އަޅުއްވައިދެއްވުމަށާއި ރަށުގެ ލޭންޑް ޔޫސް ޕްލޭންގައިވެސް އެކަމަށް ސަރަހައްދެއް އެކަށައަޅާފައިވާނެކަން ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. ދަރަވަންދޫގެ ގޮނޑުދޮށުން ގިރަމުންދާ ސަރަހައްދުގައި ޖިއޯބޭގް ޖައްސަވައިދެއްވުމަށާއި މޫދަށް އެރެވޭނެ ސަރަހައްދެއްވެސް ގާއިމުކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

ދަރަވަންދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މިބައްދަލުވުމުގައި މެންބަރުން ވަނީ، ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ވަރުގަދަކުރަންޖެހޭކަމުގައި ވިދާޅުވެ، 30 އެނދުގެ ހޮސްޕިޓަލެއް، ސްކޭން ކުރުން ފަދަ ޚިދުމަތްތަކާއެކުގައި ގާއިމުކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލް އިދާރާގައި ޖާގައިގެ ދަތިކަން އޮތްކަމަށާއި، ދަރަވަންދޫ ކައިރީގައި ޑައިވް ކުރުމުގެ ގިނަ ހަރަކާތްތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި، ރަށުގައި އިކޯ ސެންޓަރެއް ގާއިމުކުރުމުގެ މުހިންމުކަމުގެ އިތުރުން ރަށުގައި ކޮންވެންޝަން ސެންޓަރެއް އަޅުއްވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށު ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމާއި ރަށުގެ މަގުތައް ތަރައްގީ ކުރުމުގެ ބޭނުން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް