ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ބ. މާމަޑުއްވަރި ހިތާދޫއާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މާޅޮސްމަޑުލު ދެކުނުބުރީ “މާމަޑުއްވަރީ“ ހިތާދޫއާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމޫހޫރިއްޔާ ހިތާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމޫހޫރިއްޔާ ވިދާޅުވީ، “މާމަޑުއްވަރީ“ އަކީ ތާރިޚަށް ބަލާއިރު ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިޤްތިޞާދީގޮތުން ފައިދާތަކެއް ހޯދާފައިވާ ރަށެއްކަމަށާ، ނަމަވެސް މިހާރު ޓޫރިޒަމް އެގްރިމަންޓެއްގެ ދަށުން ބަޔަކާ ޙަވާލުކުރެވި ގިނަ ދުވަސް ވެފައިވާ ރަށެއްކަމަށެވެ. އެއީ އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ހިނގަމުންނުދާ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެގްރިމަންޓްގެ ކަންކަން ނިމުމަކަށް ގެނެސް އެރަށް ހިތާދޫއާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ހިތާދޫގައި މިއަދުވަނީ، ރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމޫހޫރިއްޔާ ހިތާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި އެއްބަސްވުމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ދެ މަޝްރޫޢު ނިމިގެންދާއިރު ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބޭނެކަމަށާއި، ސްކޫލް ހޯލް ނިމޭއިރު، ސްކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމާވާގޮތަށް މި މަޝްރޫޢު ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހިތާދޫގެ ތަރައްޤީއަށް ވެވަޑައިގަންނަވާފައިވާ ރިޔާސީ ވަޢުދުތަކަށް އިޝާރާތްކުރައްވައި، އެވަޢުދުތަކާ ގުޅުންހުރި ގިނަ ދާއިރާތަކުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ހަތަރު ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށެވެ.

އެގޮތުން ސިއްޙަތާއި ހަށިހެޔޮކަމާ ގުޅުންހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ ހެލްތު ސެންޓަރު ހެދުމުގެ އެގްރިމަންޓްގައި ސޮއިކުރެވިފައިވާ ކަމަށާއި، އެމަސައްކަތް ނިމޭއިރު ވަސީލަތްތައް ފުރިހަމަކުރުމަށް ޖާގަ ތަނަވަސްވެ، ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ޚިދުމަތާއި ޑަޔަލިސިސްގެ ޚިދުމަތްވެސް ލިބޭނެކަމަށެވެ.

ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ކުރިއަށްދާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ފުލް ސައިޒް ފުޓުބޯޅަ ދަނޑެއް ހެދުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމާއި، އައުޓްޑޯ ޖިމްގެ މަސައްކަތްތައް މި އަހަރު ފައްޓަވާނޭކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ހިތާދޫގައި ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް