ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ކަމަދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ޕްރީ ސްކޫލްގައެވެ.

ކަމަދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި ކަމަދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ރަށަށް އައު ސްކޫލެއް ބޭނުންވާކަން ހާމަކުރައްވާފައެވެ. އަދި ކަމަދޫގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއް ބޭނުންވާކަމަށާއި ކަމަދޫ ކައުންސިލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެ ބޭފުޅުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގެ ޞިއްޙީ މަރުކަރުގައި ޖާގައިގެ ދަތިކަން އޮތް މިންވަރު ފާހަގަކުރައްވައި، އެ ސެންޓަރު އަޕްގްރޭޑް ކުރުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

ކަމަދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ކަމަދޫގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށާއި ރަށުގައި މިސްކިތެއް ބިނާކޮށްދެއްވުމަށް ކައުންސިލް މެންބަރުން އެދިވަޑައިގެންނެވިއެވެ. އަދި ކައުންސިލުން ވަނީ، ރަށު ބަނދަރުގެ މަސައްކަތުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައި، ބަނދަރުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް