ކ. ގުރައިދޫގައި އަލަށް ހިއްކާފައިވާ ސަރަހައްދުން 6 ބިން ވިއްކުމަށް އެ ރަށު ކައުންސިލުން އާދީއްތަ ދުވަހު ހުޅުވާލައިފިއެވެ.
މި ބިންތައް ވިއްކުމަށް ހުޅުވާލާފައިވަނީ ރަށުގެ ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ކައުންސިލުން މިކަމާ ގުޅޭ ގޮތުން ކުރި ޢިއުލާންގައި ބުނެފައިވަނީ، ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ފޮތް ގަތުމުގެ ފުރުސަތު 11 އޮގަސްޓް 2025 އިން ފެށިގެން 19 އޮގަސްޓް 2025 އަށް ހުޅުވާލާފައިވާ ކަމަށެވެ. ބިޑު ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކައުންސިލްގެ ރިސެޕްޝަނުންނެވެ. ބިޑު ފޮތުގެ އަގަކީ 20,000 ރުފިޔާއެވެ.
ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 13:00 ގައެވެ.
ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ބިޑު ފޮތް ނުގަންނަ ފަރާތްތަކަށާއި ބިޑު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށްވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ދައުލަތުގެ ބަޖެޓުން 85 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން 2021 ވަނަ އަހަރު ކުރިއަށް ގެންދިޔަ ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެރަށުން ވަނީ 15 ހެކްޓަރުގެ ބިން ހިއްކާފައެވެ. މީގެއިތުރުން މިމަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ރިވެޓްމެންޓް ޖަހާ ޙިމާޔަތްކޮށްފައެވެ.
ބިން ހިއްކުމަށް ކުރިއަށްގެންދިޔަ މަޝްރޫޢާއެކު އެމްޓީސީސީން ވަނީ ގުރައިދޫ ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއްވެސް ތަރައްޤީކޮށްދީފައެވެ. މިމަޝްރޫޢުގެ ދަށުން 1.7 ހެކްޓަރުގެ ބިން ހިއްކާ 278 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓ ޖަހާ ހމާޔަތްކޮށް 160 މީތަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތްވަނީ ކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 13.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.