ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ގުޅީފަޅުން 843 ފަރާތަކަށް ގޯތީގެ އައު ރަޖިސްޓްރީ ހަވާލުކޮށްފި

ބިންވެރިޔާ ސްކީމްގެ ތެރެއިން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އައު ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް 843 އަށްވުރެ ގިނަ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މި މަޢުލޫމާތު އެ މިނިސްޓްރީން ހާމަކޮށްފައިވަނީ މިރޭ އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

މި އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައެޅުމަށް ގުރުއަތު ނަގައި، އެ މަސައްކަތް ނިމުމަށްފަހު، ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދަނީ ހައުސިން މިނިސްޓްރީގެ ކުރީގެ އިމާރާތް ހުރި ބިމުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިހާރުގެ ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، ގިރާވަރުފަޅުން ދޭން ހަމަޖެހިފައިވާ ބައެއް ގޯތިތައް ގުޅިފަޅުން ދިނުމަށް ހަމަޖެއްސުން ހިމެނެއެވެ. މި ބަދަލުތަކާ ގުޅިގެން، ކުރީގެ ސަރުކާރުގައި ދޫކޮށްފައިވާ ރަޖިސްޓްރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ބެހުމަށް ގުރުއަތު ނަގާފައިވެއެވެ.

އައު ރަޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހައުސިން މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ. އެހެންނަމަވެސް، އަލަށް ތައްޔާރުކުރާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލުތަކާ ގުޅޭ ބައެއް ގާނޫނީ މައްސަލަތައް ފާހަގަވުމުން، އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް މިނިސްޓްރީން ނިންމާފައިވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، އަލަށް ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުތަކުން ދޭން ކަނޑައަޅާފައިވާ ގޯތިތައް، މިހާރު ހިއްކައި ނިމިފައިވާ ސަރަހައްދުތަކުން ދިނުމަށް ނިންމުމެވެ. މި ބަދަލުތަކުގެ ސަބަބުން، ކުރީގެ ސަރުކާރުގައި ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބި، ރަޖިސްޓްރީ ހަވާލުކޮށްފައިވާ ފަރާތްތަކުގެ ޕްލޮޓް ނަންބަރުތަކާއި ބިމުގެ ސަރަހައްދުތައް ބަދަލުވެފައިވާކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް