ކާޑު ބޭނުންނުކޮށް ފައިސާގެ މުއާމަލާތުތައް ކުރެވޭ ނެޝަނަލް ކިއުއާރް ކޯޑެއް ތައާރަފުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި އަމާޒަކީ އަންނަ އަހަރު ހިދުމަތް ތައާރަފުކުރުންކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނިގޮތުގައި މި ހިދުމަތް ދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތުކުރެވޭ އިންސްޓެންޓް ޕޭމެންޓު ސިސްޓަމް ”ފަވަރަ“ އިގެ ތެރެއިންކަމަށެވެ. މި މަސައްކަތް ނިމުމުން، ރައްކާތެރިކަމާއެކު ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބެން ފަށާނެކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެއިދާރާއިން އިތުރަށް މަޢުލޫމާތު ދިންގޮތުގައި މިފަދަ ހިދުމަތްތަކަށް މިހާރު 2.5 އިންސައްތައިގެ ފީއެއް ދައްކާކަމަށާއި ނެޝަނަލް ކިއުއާރް ކޯޑެއް ތައާރަފުކުރުމުން މި ފީވެސް ދައްކަން ނުޖެހޭނެކަމަށެވެ.
އެމްއެމްއޭއިން މިހާރު އަންނަނީ މި ހިދުމަތަށް ހާއްސަ ކުންފުންޏެއް އުފެއްދުމުގެ އިތުރުން ޕޭމެންޓު ސިސްޓަމްގެ ގާނޫނަށް ބަދަލުގެނައުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
”ޕޭމެންޓް މޯލްޑިވްސް“ ނަމުގައި ވަކި ކުންފުންޏެއް ހަދައި ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ޤައުމީ ޕޭމެންޓު ނުވަތަ ފައިސާގެ މުޢަމާލާތުގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް އެކުންފުނީގެ ދަށުން ކުރުމަށް ނިންމައި އެކަމުގެ މަސައްކަތް ކުރަމުންދާއިރު މިކުންފުނި ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކޮށް، މި މަސައްކަތް ވިލަރެސްކުރާ ފަރާތައް ކަމަށް މަރުކަޒީ ބޭންކުން މީގެ ކުރިންވަނީ ބުނެފައެވެ.
މީގެ އިތުރުން ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލައި، މަސައްކަތް ކުރަމުންދާކަން މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފައެވެ. މިއީ ބޭންކްތަކާއި ޕޭމަންޓް ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.
މިކަމުގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަށް ފަސޭހަވެ، އެމްއެމްއޭއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މާލީ ބައިވެރިވުން އިތުރު ކުރެވި، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ލިބޭ ބާރަކަށް މިކަންވެގެންދާނެއެވެ.